09 Jan 2014, 21:10
އެއާޕޯޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފްލައިޓް ޓްރެފިކިންގެ މައްސަލަ ކަމަށާއި އެކަމަށް ހެއްލެއް ލިބޭނީ އިތުރު ރަންވޭއެއް އަޅައިގެން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތައް މީޑިއާ އާ ހިއްސާކުރައްވަމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމް މިއަދު ވިދާޅުވީ އެއާޕޯޓަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެތެރޭ އުދުހުންތަކުން ދިމާވަމުން އަންނަ ޓްރެފިކިންގެ މައްސަލަ ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނެވޭނީ އިތުރު ރަންވޭއެއް އަޅައިގެން ކަމަށް ސަލީމް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މޯލްޑިވިއަނުން ވެސް ވިލާ އެއާ އިން ވެސް އިތުރު މަތިންދާ ބޯޓެއް އެބަ ގެނޭ. އޭގެ ސަބަބުން އެންމެ ރަންވޭއެއް މަސައްކަތް ކުރާ ބަޔަކަށް ވަރަށް ބޮޑަށް ޓްރެފިކްތަކެއް އެ އަންނަނީ. އޭގެ ސަބަބުން އިންޓަނޭޝަނަލް އެއާލައިންސްތަކުން ވައިގެ ތެރޭގައި ނުވަތަ އޭޕްރަންގައި އެބަ މަޑުކުރަން ޖެހޭ. މިކަމުގެ ހައްލަކީ އިތުރު ރަންވޭއެއް އެޅުން،" ސަލީމް ވިދާޅުވި އެވެ.
ރަންވޭއެއް އެޅުމަކީ ފަސޭހައިން ވާނެ ކަމެއް ނޫން ކަމަށް އިޝާރާތް ކުރައްވައި ސަލީމު ވިދާޅުވީ ރަންވޭއެއް އެންމެ އަވަސްވެގެން ވެސް އެޅޭނީ 18 މަސް ދުވަހުން ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް މިހާރުން ފެށިގެން ދެ އަހަރު ދުވަހުން ވެސް ނުނިމޭނެ ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް ސަރުކާރުން ކުރިއަށްގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމު ވިދާޅުވީ އެއާޕޯޓުގެ މާސްޓާ ޕްލޭންގެ މަސައްކަތް ކުރިއަށް ދަނީ އިނގިރޭސިވިލާތުގެ ސްކޮޓް ވިލްސަންއާ ހަވާލުކޮށްގެން ހެދި މާސްޓަޕްލޭންގެ ބިންގަލުގެ މަތީން ކަމަށެވެ. އެގޮތުން މިހާރު ހަދާފައި އޮތް ޕްލޭން އިތުރަށް ރަނގަޅުކޮށް އަޕްޑޭޓް ކުރުމަށް ޓަކައި އެކަމަށް ބޭނުންވާ ތަޖުރިބާ ކާރުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ދަނީ ފްލައިޓްތައް މަޑު ކުރުމަށް ޓަކައި މިހާރު ހަދާފައި އޮތް އޭޕްރަން ކުޑަވެފައި ވާތީ އެކަމަށް ހައްލެއް ހޯދުމަށް 35000 އަކަފޫޓުގެ އިތުރު އޭޕްރެންއެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތުގެ ޓެންޑާ މިހާރު ނިންމައި އިވަލުއޭޓް ކުރުމަށް ފަހު ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ޓެންޑާ މަސައްކަތް ހަވާލުކުރެވޭނެ ކަމަށާއި އަދި ކުރިއަށް އޮތް ނުވަ މަސް ދުވަހުގެ ކުރިން އެތަން ނިންމާލެވޭ ވަރު ވާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.