09 Jan 2014, 20:55
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޯޗުކަން ކޮށްދިނުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އެންޖަލް ޕެރޭޒް ގާސިއާ މިއަދު މާލެ އަތުވެއްޖެ އެވެ.
ނިމިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރި ނިއުގެ ކޯޗު ކަމަށް ޕެރޭޒް ގާސިއާ ހަމަޖައްސާފައި މިވަނީ، މިދިޔަ ސީޒަން ނިމެން ކައިރިވެފައި ވަނިކޮށް އެޓީމުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ވެލިޒާ ޕޮޕޯފް އޮމާންގެ ސޫރު ސްޕޯޓްސް ކްލަބާ ހަވާލުވުމަށް ނިއުގެ ކޯޗު ކަމުން ވަކިވުމުން އެމަގާމް ހުސްވެފައި އޮތުމުންނެވެ.
ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބަށް ޔޫރަޕްގެ ކުޅުން ރަނގަޅަށް ދަންނަ ކޯޗަކު ހަމަޖެހިގެން ދިއުމަކީ، ނިއުރޭޑިއަންޓްގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައަށް ވެސް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނޭ ކަމަށެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި މާލެއާ ނިއުގެ އާކޯޗަކީ، ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. އަދި ރެއާލް މެޑްރިޑަށް 80ގެ އަހަރު ތަކުގައި ކުޅުނު ގާސިއާ ވަނީ ސްޕެއިންގެ އަލްމެރިއާގެ ބީ ޓީމުގެ ކޯޗުކަމާއި، ރެއާލް މެޑްރިޑުން ސެންޓްރަލް އެމެރިކާގައި ހިންގާ ސޯޝަލް އިންޓަގްރޭޝަން ޕްރޮގްރާމްތަކުގައި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މެދުއިރުމަތީގެ ބައެއް ކްލަބްތަކަށް ވެސް ކޯޗްކަން ކޮށްދީފަ އެވެ.
ސްޕެއިންގެ މިހާރުގެ ކޯޗު ޑެލް ބޯސްކޭއާއެކު ރެއާލްއަށް ކުޅުނު ގާސިއާ ވަނީ، ރެއާލްގެ އިތުރުން ސްޕެއިންގެ ސީޑީ ރޮލްޑާން، ރެއާލް މުރްސިއާ އަދި އެލްޗޭއަށް ވެސް ކުޅެފަ އެވެ.
ނިއުގެ އާކޯޗާއެކު މާދަމާ ހަވީރު 4:00 ޖަހާއިރު ޓާފް އެއްނަންބަރު ދަނޑުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެޓީމުގެ ފަރިތަކުރުންތައް ފަށާއިރު އެޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބްރެޒިލްގެ ފޯވާޑެއް ވެސް ވަނީ ހޯދައިފަ އެވެ.
ބިދޭސީ ފޯވާޑެއް ހޯދުމުގެ އިތުރުން ނިއުއިން ވަނީ ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި މުހުތާރު ނަސީރު (ޓޫކިލޯ) ވެސް މިފަހަރު ހޯދައިފައެވެ. އަދި މިދިޔަ ސީޒަންގައި ނިއު އަށް ކުޅުނު މުހިންމު ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރު އާއި އަހުމަދު ނިޔާޒް (ނިޔާ) އާއި އާއި އަހްމަދު އަބްދުﷲ (ލިލީ) އަދި އިމްރާން މުހައްމަދުގެ ކޮންޓުރެކްޓުވެސް ވަނީ އާކޮށްފަ އެވެ.
މިދިޔަ ސީޒަންގައި ނިއުއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ދިރާގު ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ނިއު އިން ވަނީ މި އަހަރުގެ އޭއެފްސީ ކަޕްގައި މޮޅު ކުޅުމެއް ދައްކާ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.
މިއަހަރުގެ ސީޒަނަށް ނިއު އިން ކުރިމަތިލާނީ، ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް މިލްކު ކުރުމުގެ އަޒުމުގައި ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.