09 Jan 2014, 20:21
ދ. ކުޑަހުވަދޫން އަހްމަދު ސާއިލް އަލީ
ރާއްޖެއަށް ތަރައްގީ ގެނެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އިންތިޚާބުކޮށްގެން ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޖުމްހުރިއްޔާ ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ސަރުކާރު ކޯލިޝަނުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ތަރައްގީއަށް މަސައްކަތް ކުރާނެ ގާބިލް ބޭފުޅުން ކަމަށެވެ.
"ގައުމަށް ތަރައްގީގެނެވޭނީ ތަރައްގީއަށް ލޯބި ކުރާ ޖާހިލުކަމުން އެއްކިބާވެފައިވާ ކައުންސިލަރުންނަށް ވޯޓު ދެއްވައިގެން" އެމްޑީއޭގެ ލީޑަރު ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް ތަރައްގީ ހޯދައިދޭނެ ސަރުކާރެއް ކަމަށާއި އެކަން ހާސިލް ވާނީ ސަރުކާރު ކޯލިޝަންގެ މެމްބަރުން ކައުންސިލްތަކަށާއި މަޖިލީހަށް ހޮވައިގެން ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ ޑިމޮކުރަޓިކް ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އަމަންއަމާންކަމާއި ތަރައްގީ ގެނެސްދެއްވާނެ ކަމާމެދު ޝައްކެތް ނެތް ކަމަށް ވެސް އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ.