މެމްބަރުންގެ ގޮތުގައި 10،000 މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް ނުއުވޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅަން ޖެހޭނީ 3،000 މީހުންގެ ސޮއިކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި ހަވާލާދީ 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކުން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީއަކީ އެއްވެސްހާލެއްގައި އުވިގެންދާނެ ޕާޓީއެއް ނޫން ކަމަށް އެ އަމުރުގައި ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އެންގުމަކީ ބާތިލު އަދި އެއަށް އަމަލުނުކުރެވޭނެ ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.