09 Jan 2014, 18:26
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި ވިޔަސް ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކްރިމިނަލް ކޯޓަށް އަންގަވާފައި ވަނީ ދިވެހި ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމް ހިނގަހިނގާ އޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ގާނޫނު އަސާސީގެ ދަށުން ނަގަހައްޓަން ޖެހޭ ޤާނޫނުގެ ޙުކުމް ނެގެހެއްޓުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
"ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ހިނގުމަށް ހުރަސްތަކެއް ކުރިމަތިވި ޔަނުދީ ކުރިއަށް ގެންދަވައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ދެއްވަމުންގެންދަވާ ބަންދާ ގުޅިގެން ނެރުއްވާ އަމުރު ފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދެވުމަށް." ކޯޓުގެ އެންގުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް މި ގޮތަށް އަންގާފައި މި ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައި ނުގަތުމަށާއި ޝަރީއަތް ކުރުން ހުއްޓާލުމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވާތީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނިކޮށެވެ.
ޕީޖީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައްސަލަތައް ބަލައިނުގަތުމަށާއި ޝަރީއަތް ކުރުން ހުއްޓާލަން ނިންމިކަން ކްރިމިނަލް ކޯޓުން ލިޔުމުން އަންގާފައިނުވާ ކަމަށާއި އެ ލިޔުން ހޯދުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.