09 Jan 2014, 18:15
ބަޖެޓް ހަރަދު ކުޑަކުރުމަށް ކަމަށްބުނެ އިނގިރޭސިވިލާތުގައި ހިދުމަތްދެމުން ގެންދިޔަ އެންމެ ދުވަސްވީ ފަޔާ ސްޓޭޝަން ކަމަށްވާ "ކްލާކިންވެލް" މިއަދު ރަސްމީކޮށް ބަންދު ކޮށްފި އެވެ.
ސެންޓްރަލް ލަންޑަންގައި 1872ގައި ހުޅުވި ކްލާކިންވެލް ފަޔާ ސްޓޭޝަންއަކީ ހަރަދު ކުޑަކުރުމުގެ ގޮތުން ލަންޑަންގައި މިއަދު ބަންދުކުރި 10 ފަޔާ ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަނެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ، މި ސްޓޭޝަންތައް ބަންދު ކުރުމުގެ ސަބަބުން އެތައް މިލިޔަން ޕައުންޑެއް ސަލާމަތްކުރެވޭނެ ކަމަށެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި 45 މިލިޔަން ޕައުންޑު ސަލާމަތްކުރެވޭނޭ ކަމަށް ކަމާގުޅޭ ދާއިރާތަކުން ބުނެފައިވާ އިރު ފަޔާ ސްޓޭޝަންތައް ބަންދު ކުރުމުގެ ސަބަބުން 550 އަލިފާން ނިއްވާ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި ގިނަބަޔަކު އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއި އިރު ބުރާސްފަތި ދުވަހު ހެނދުނު 9:30ގައި ޑިއުޓީ ނިންމާފައި ކްލާކިންވެލް ސްޓޭޝަނުގެ މުވައްޒަފުން އެތަނަށް އަލްވަދާއު ކިޔާފައި ވަނީ ކަރުނައިން ފުރިގެންވާ ހާލުގައި ކަމަށް އިނގިރޭސި ވިލާތުގެ މީޑިއާތަކުގައިވެ އެވެ.
"މިއީ ހިތާމަވެރި ދުވަހެއް. ވަރަށް ހިތާމަވެރި ދުވަހެއް. (ލަންޑަންގެ މޭޔަރު) ބޮރިސް ޖޯންސަންއަށް އެނގިވަޑައި ނުގަންނަވާ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން،" ކްލާކިންވެލް ފަޔާ ސްޓޭޝަންގައި 29 އަހަރު ވަންދެން މަސައްކަތްކުރި އެލެކްސް ބެޑްލޮކް ކިޔާ މުވައްޒަފަކު ބުންޏެވެ.
ފަޔާ ސްޓޭޝަންތައް ބަންދުކުރުމާ ދެކޮޅުހަދާ ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އެތަންތަން ބޭނުންކުރާނީ ލަގްޒަރީ ފްލެޓްތައް އިމާރާތް ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ލޯކަލް ލޭބާ ކައުސިލަރު ޕައުލް ކޮންވަރީ ވިދާޅުވީ، އެ އިމާރާތްތަށް ގަދީމީ ތަންތަނުގެ ގޮތުގައި ހިމާޔަތްކުރެއްވުމަށް މަސަކަތް ކުރަށްވާނޭ ކަމަށެވެ.
ފަޔާ ސްޓޭޝަންތައް ބަންދުކުރުމާ ގުޅިގެން ލަންޑަން ފަޔާސް ބްރިގޭޑުގެ ވެރިޔާ ވަނީ، އެތަންތަން ބަންދުކުރި ކަމުގައިވީ ނަމަވެސް އާންމުންނަށްދޭ ހިދުމަތަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"ލަންޑަނުގެ ރައްޔިތުންނަށް އަބަދުވެސް ދުނިޔޭގައި ލިބޭ އެންމެ އަވަސް އަލިފާން ނިއްވުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ. 999 އަށް ގުޅާލާފައި ފަޔާ އިންޖީނެއް ބޭނުންކަމަށް ބުނުމުން ހައެއްކަ މިނިޓްތެރޭގައި ކޮންމެ ހިސާބަކަށް ވެސް ހިދުމަތް ފޯރުކޮށްދިނުން އަމާޒަކީ،" ލަންޑަންގެ އަލިފާން ނިއްވާ އިދާރާގެ ޗެއާމަން ޖޭމްސް ކްލެވްލީ ވިދާޅުވި އެވެ.
ލަންޑަން ފަޔާ ބްރިގޭޑުން ބުނެފައި ވަނީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެރިރަށުގައި އަލިފާނުގެ ހާދިސާތައް 50 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފަޔާ ބްރިގޭޑްސް ޔޫނިއަންގެ ޕައުލް އެމްބަރީ ބުނީ، އަލިފާނުގެ ހާދިސާއެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ލިބޭ ހިސާބުން މިކަން ބޮޑު މައްސަލައަކަށް ވެގެންދާނޭ ކަމަށެވެ.
"އާންމު ރައްޔިތުންގެ ރައްކާތެރިކަމާ ދޭތެރޭގައި ވިސްނާލި ނަމަ 10 ފަޔާ ސްޓޭޝަން އެއްފަހަރާ ބަންދުކޮށް 600 ވަރަކަށް މީހުން ވަޒީފާއިން ކަނޑާލުމަކީ ކުރެވޭނޭ ކަމެއް ނޫން." އޭނާ ބުންޏެވެ.