09 Jan 2014, 16:39
ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ސަރުކާރު ހިންގާ ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.
ގައުމީ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ރިޔާޒް ރަޝީދު ޕީޕީއެމް އަށް ސޮއި ކުރައްވާފައި ވަނީ މިއަދު އެވެ. އަދި އެކަން ރިޔާޒް ރަޝީދު ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު "ސަން އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ އޭނާ ޕީޕީއެމް އާ ގުޅިވަޑައިގަތީ އޭނާ އަކީ ޕީޕީއެމް އުފެއްދުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި އޭނާ އަކީ ޕީޕީއެމް އުފެއްދުމަށް ރައީސް މައުމޫން ނެންގެވި 10 މެންބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި މީހެއް. އަދި ރައީސް މައުމޫން ޕީޕީއެމް އުފެއްދުމަށް ޓަކައި އެކުލަވާލި 10 މީހުންގެ ތެރޭގައި ވެސް އަޅުގަނޑު ހިމެނޭ،" ރިޔާޒް ރަޝީދު ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އަދި ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވެން އޮތީ ޕީޕީއެމްއާ ގުޅިގެން ކަމަށް ވެސް ރިޔާޒް ރަޝީދު ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ އޭނާ މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މިހާރު ވެސް އޭނާ ތަމްސީލް ކުރައްވާ ވިލިފުށީ ދާއިރާ އަށް ކުރިމަތި ލައްވާނެ ކަމަށެވެ. އަދި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރިޔާޒް ރަޝީދު ވިދާޅުވި އެވެ.