09 Jan 2014, 16:11
މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހަބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ކެންޑިޑޭޓުން ސޮއި ކުރަން ފަށައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުތަކުގައި ސޮއި ކުރަން ފަށާފައި ވަނީ މިއަދު އެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ތިން ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން ކެންޑިޑޭޓުން ލިސްޓްތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ މިއަދާއި މަދަމާ އަދި ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުތަކުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަށް ސޮއި ކުރެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ބުނެފަ އެވެ.
ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ކެންޑިޑޭޓުން ސޮއި ކުރަން ޖެހެނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕްރީމް ކޯޓުން ކޮށްފައިވަ ހުކުމާ ގުޅިގެންނެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އާއި ގާނުނުތަކުގެ ދަށުން ރާއްޖޭގައި ބާއްވާ ހުރިހައި އިންތިހާބެއް ބާއްވަން ޖެހޭނީ އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެ އިންތިހާބެއްގައި ވޯޓް ލުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓުތަކުގައި ސޮއި ކުރުމުން ކަމަށެވެ.