މެދުތެރޭ ޖަޕާނުގެ ޔޮކައިޗީ ސިޓީގައި ހުންނަ މިޓްސުބިޝީގެ ކެމިކަލް ފެކްޓަރީ އެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި އެ ހާދިސާގައި މަދުވެގެން ފަސް މީހަކު މަރުވެ އިތުރު 10 މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޖަޕާނުގެ ފުލުހުންނާ ހަވާލާދީ ރަޝިއާ ޓްޑޭގައި މިއަދު ބުނެފައި ވަނީ، އެ ހާދިސާ ހިނގަން މެދުވެރިވީ، މިޓްސުބިޝީގެ މެޓީރިއަލްސް ކޯޕް ކެމިކަލް ޕްލާންޓެއްގައި ހިނގި "ކެމިކަލް ރިއެކްޝަން"އެއްގެ ސަބަބުން ކަމަށެވެ.

"އޮޕަރޭޓް ކުރަމުން ގެންދިޔަ ކެމިކަލް ޕްލާންޓެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވަނީ. ބެލެވެނީ ކެމިކަލް ރިއެކްޝަންއެއްގެ ސަބަބުން ކަމަށް،" ފުލުހުންގެ ތަރުޖަމާނަކާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވެ އެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާއި 350 ކިލޯ މީޓާރު ދުރުގައި އޮންނަ ޔޮކައިޗީ ސިޓީގެ ފަޔާ ޑިޕާޓްމަންޓާ ހަވާލާދީ، ރޮއިޓާސްގައި ބުނެފައި ވަނީ، ބަޔަކު މަރުވިކަން ކަށަވަރުކޮށްދޭން ނޭނގޭ ކަމަށާއި އެހެން ނަމަވެސް 17 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި އޭގެތެރެއިން ފަސްމީހެއްގެ ހާލު ބޮޑު ކަމަށެވެ.

ގޮވުމުގެ ހާދިސާ ހިނގި މިޓްސުބިޝީގެ ފެކްޓްރީއަކީ ބޭރުގެ ފާމްތަކަށް ސިލިކަން މެޓީރިއަލްސް އުފެއްދުމަށް ބޭނުންކުރާ ފެކްޓަރީ އެކެވެ.