12 Dec 2010, 17:51
ލ. ގަމުގައި ސައިކަލަކާއި ޓެކްސީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިންދާގެން ގޮސް، އިތުރު މީހެއްގެ ބޯފަޅައިގެން ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ތިނެއް ޖަހާ އެހާކަންހާއިރު ލ. ގަމު މުކުރިމަގު އަވަށު ސިނާއީ މަގުގެ އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލަކާއި ޓެކްސީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަންއިން އުމުރުން 21 އަހަރުގެ މީހާގެ ފައިތިލަ ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ސައިކަލް ފަހަތިގައި އިން އުމުރުން 19 އަހަރުގެ މީހާގެ ލޯ ކައިރިން ދެ ތަނަކުން ފަޅައިގެންގޮސްފައިވާ ކަމަށެވެ. އަދި މީހާރުވެސް އެ ދެ މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ އެ އެކްސިޑެންޓް ޓެކްސީ ދުއްވަންއިން މީހާއަށް ގެއްލުމެއް ނުލިބުނު ނަމަވެސް ސައިކަލަށާއި ޓެކްސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ބުނީ ގަމު މުކުރިމަގުގެ ބޯޅަދަނޑާ ދިމާލުގައި އެކްސިޑެންޓް ހިގަންމެދުވެރިވީ ބާރު ސްޕީޑުގައި އެއްކޮޅަކަށް ސައިކަލާއި ޓެކްސީ ދުއްވާފައި ދަނިކޮށް ޖެހިގެން ކަމަށެވެ.