ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުންވަނީ ބާސެލޯނާގައި ހުރެގެން ކަމުގައި އެކްލަބުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބުނެފި އެވެ.

ގެޓާފޭ އާއި ދެކޮޅަށް ބާސާ ކުޅުނު ކޮޕާ ޑެލްރޭގެ ފުރަތަމަ ލެގުގައި މެސީ ވަނީ ކުޅުނު ތިރީސް މިނެޓް ތެރޭގައި ދެލަނޑު ކާމިޔާބުކޮށްފަ އެވެ. 4-0 ލަނޑުން ރޭ ބާސާ މޮޅުވި މެޗަކީ ނޮވެމްބަރު މަހު ފަލަމަސްގަނޑަށް ލިބުނު އަނިޔާއަށް ފަހު މެސީ ކުޅުނު ފުރަތަމަ މެޗެވެ.

"އަހަރެންގެ ވިސްނުމުގައި ހުރީ އަހަރެންގެ ކެރިޔަރު ބާސާގައި ހުރެގެން ނިންމާލުން." ގެޓާފާ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު މެސީ ބުންޏެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އިން މެސީ އަށް ވަރުގަދަ ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތަކުން ބުނަމުން ދެއެވެ.

ސްޕެނިޝް ލަލީގާ ގައި ދެން ބާސާ ނުކުންނަން ޖެހޭނީ ވަރުގަދަ މެޗަކަށެވެ. ބާސާ ނުކުންނަން ޖެހޭނީ ލީގުގެ ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. މިމެޗަށް ނުކުންނަ އިރު، ލީގުގައި ދެ ޓީމްވެސް ޕޮއިންޓްގެ ގޮތުން އެއްވަރެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅޭ މިމެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ 12:00 ގަ އެވެ.