މިއަހަރުގެ އެކާވީސް އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ޖުމުލަ 14 ޓީމާއެކު މިމަހުގެ 25 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެން ޝާހިދު ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ކުރިން 12 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، މުބާރާތުގައި ބައިވެރިވާން އެދުނު ހުރިހާ ޓީމަކަށް ފަހުން ފުރުސަތު ދިނީ ކަމަށެވެ.

"ކުރިން މިއޮތީ 12 ޓީމް ބައިވެރި ކުރާގޮތަށް. އެހެން ނަމަވެސް އިތުރު ކްލަބު ތަކުން އެދިފައިވާތީ، ހުރިހާ ކްލަބުތަކަށް ފުރުސަތުދޭން އަޅުގަނޑުމެން މިފަހަރު ނިންމީ. އެގޮތުން މިހާރު މިއޮތީ ޖުމުލަ 14 ޓީމް،" ޝާހިދު ވިދާޅުވި އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބު ވެލެންސިއާ އާއި ރަނަރަޕް ބީޖީ ސްޕޯޓްސްގެ އިތުރުން ނިއު ރޭޑިއަންޓް، މާޒިޔާ، އީގަލްސް، އޭވައިއެލް، ވިކްޓަރީ، މަހިބަދޫ ސްޕޯޓްސް ކްލަބު ގްރީން ސްޓްރީޓް، އޭދަފުށި، ވައިކަރަދޫ ފުޓްބޯލް ކްލަބު، ވޭރު ސްޕޯޓްސް ކްލަބު ކެލާ ނާޅި އަދި ވިލިމާލޭ ޔުނައިޓެޑް އެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކްލަބުތަކުން މިހާރު ވަނީ މުބާރާތައް ފަރިތަކުރުންތައް ފަށައިފަ އެވެ.

ރާއްޖޭގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އިތުރަށް އުފައްދައި އާ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.