ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ހުރި އާމްދަނީއާ ގުޅުން ހުރި މުހިންމު ބިލްތައް ފާސްވުމުން އަތޮޅުތަކުގައި ފެށުމަށް ހަމަޖެހިފައި ހުރި މަޝްރޫއުތައް ބާރަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު އެވެ.

ރައީސް ވިދާޅުވީ އަތޮޅުތަކުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ވާހަކަތައް ރައްޔިތުންގެ އަރިހަށް ގޮސް ދެންކެން އޮތީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ހުރި އާމްދަނީއާ ބެހޭ މުހިންމު ބިލްތައް ފާސްވެގެން ކަމަށެވެ. އެގޮތުން މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިންމައި މިއަދު މަޖިލީހުގެ ރައީސް އަށް ހުށަހަޅާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މަޖިލީހުގެ ބަންދުގައި މައްސަލަ ވައްދަން މި ބޭނުންވާ 26 މެންބަރުންގެ ސޮއި ހަމަކޮށްގެން މިއަދު ހަމަ މައްސަލަ ވެއްދޭވަރުވީ. އަންނަ ހަފްތާގެ ތެރޭގައި ފާސްކުރާ އާމްދަނީ ހޯދުމުގެ ބިލްތައް ފާސްކުރީމާ އަތޮޅުތަކުގެ މަޝްރޫއުތައް ތަންކޮޅެއް ބާރަށް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ރެވެނިއު ދަށްވުމާ ގުޅިގެން ޕީޕީއެމުން ވަނީ ޓޫރިޒަމް ބެޑް ޓެކްސް އުވާނުލައި ކުރިއެކޭ ވެސް އެއްގޮތަށް އެ ޓެކްސް ނަގާގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށާއި އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއި ކުރުމަށް ފަހު މަޖިލީހުގެ ރައީސަށް އެކަން ހުށަހެޅުމުންނެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް މަޖިލީހުގެ ރައީސް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ރައްޔިތުންގެ މަޖިލީސް ގޮސްފައިވާ އިރު ދެން މަޖިލިސް ހުޅުވާނީ އަންނަ މާޗް މަހު އެވެ.