09 Jan 2014, 13:42
މީގެ ތިން އަހަރު ކުރިން ހުޅުމާލެއިން ދޫކުރި ގޯތިތައް ހަވާލު ނުކުރެވި ވަނީ އެ ސަރަހައްދުގެ މަގުތައް ހަދައި ނުނިމޭތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން 2011 ވަނަ އަހަރު އޭ ކެޓަގަރީން ހުޅުމާލެއިން ދޫކުރަން ހަމަޖެއްސި 250 ގޯތީގެ ތެރެއިން، ބިންތައް ލިބުނު ފަރާތްތަކަށް އަދި ވެސް އެގޯތިތައް ހަވަލުނުކޮށް ލަސްވާ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގޯތިތައް ލިބުނު ފަރާތްތަކާ ގޯތިތައް ހަވާލު ކުރުން ލަސްވަނީ އެ ސަރަހައްދުގެ ފެނާއި ނަރުދަމާއާއި މަގުތައް ހަދައި ނުނިމެތީ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ނިމޭނެ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭ ކެޓަގަރީން ހުޅުމާލޭން ގޯތި ލިބުނު މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ މާލެ އިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމަށް ފަހު ކުޑަތަންކޮޅެއްގައި އުޅޭތާ އެތައް ދުވަހެއް ވެގެން ދިޔަ އިރު ވެސް ހުޅުމާލޭ ލިބުނު ގޯތި ހަވާލު ކޮށްފައިނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުނީ އެ ގޯތިތައް ހަވާލު ނުކުރެވި ވަނީ މަގުތައް ނެހެދިގެން ކަމަށް ސަރުކާރުން ބުނާ ކަމަށެވެ.
އޭ ކެޓަގަރީން އެންމެ ފުރަތަމަ ހުޅުމާލޭން ބިން ދޫކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.