މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އޮބްޒާވް ކުރުމަށް ބައިނައްލަޢުވާމީ އަށް އޮބްޒާވަރުން ހަރަކާތްތެރި ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިން އަބްދުއްސައްތާރު މިއަދު ވިދާޅުވީ މި ފަހަރުގެ ކައުންސިލް އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕިޔަން ޔޫނިޔަން (އީޔޫ)ގެ އޮބްޒާވަރުންގެ އިތުރަށް އަފްޢާނިސްތާން އަދި ނޭޕާލްގެ އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ.

"މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އޮބްޒާވް ކުރުމަށް ޓަކައި ބައިނައްލަޢުވާމީ އަށް އޮބްޒާވަރުން ހަރަކާތްތެރިވާނެ. އެގޮތުން އީޔޫ، އަފްޢާނިސްތާން އަދި ނޭޕާލްގެ އޮބްޒާވަރުން ހަރަކާތްތެރިވާނެ،" އާސިމް ވިދާޅުވި އެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަށް 2147 ބޭފުޅަކު ވާދަކުރާ އިރު އަތޮޅު ކައުންސިލަށް 275 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ސިޓީ ކައުންސިލަށް 41 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ބުނެފަ އެވެ.

މި ފަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 132 ކައުންސިލަރުން އިންތިހާބުކުރާ އިރު ރަށު ކައުންސިލަރުންގެ ގޮތުގައި 951 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 17 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

މި ފަހަރުގެ އިންތިހާބުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އަދި ސިޓީ ކައުންސިލަށް 2463 ކެންޑިޑޭޓުން ވާދަކުރާނެ ކަމށް އިލްކްޝަންސް ކޮމިޝަން ވަނީ ބުނެފަ އެވެ.