09 Jan 2014, 13:27
އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކްލަ ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ދެ އަތޮޅަކަށް ފުރާވަޑައިގެންފި އެވެ.
އަތޮޅު ތެރެއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާ އަށް ދެއްވި އިންޓިވިއުއެއްގައި ރައީސް ވިދާޅުވީ ދެ އަތޮޅެއްގެ ތިން ރަށަށް މިއަދު ކުރައްވާ އަމިއްލަ ދަތުރުފުޅަކީ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށާއި ނަމަވެސް އެ ދަތުރުފުޅުގައި ރަސްމީ ކަންތައްތަކެއް ވެސް ކުރިއަށްދާނެ ކަމަށެވެ.
"މިދަތުރުގައި ރަށްރަށުގައި ހުރި ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެވޭނެ. އަދި މިދަތުރަކީ ރައްޔިތުންގެ ހާލު ބަލައިލުމަށް ކުރާ ދަތުރެއް. އަޅުނގަޑު ދަންނަވާފައިވާނެ ރާއްޖެ އިން ބޭރަށް ދަތުރެއް ކުރެއްވުމުގެ ކުރިން އަޅުނގަޑު އަތޮޅު ތެރެއަށް ޒިޔާރަތް ކުރާނަމޭ ބުނެފައި އޮތީމައާ އެކުގައި އެކަމުގެ ބޭނުމުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް އަތޮޅުތަކަށް މިއަދު ފެއްޓި ކެމްޕޭން ދަތުރުގައި ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި މ. އަތޮޅުގެ އެއް ރަށަކަށާއި ދ. އަތޮޅުގެ ދެ ރަށަކަށެވެ. ނަމަވެސް ކުރިއަށް އޮތްތާގައި ވަރަށް އަވަހަށް އެހެން އަތޮޅުތަކަށް ވެސް ދަތުރުތަކެއް ކުރައްވާނެ ކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފަ އެވެ.
ރައީސްގެ މިދަތުރުފުޅަކީ ރައީސް ކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް ޔާމީން ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ ރާއްޖެ އިން ބޭރަށެވެ. އެގޮތުން ރައީސް ވަނީ މި މަހުގެ އެކަކުން ހަތަރަކަށް އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި މިމަހުގެ ފަހުކޮޅު ސްރީލަންކާއަށް ވެސް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.