09 Jan 2014, 13:24
ސެމްސަންގްގެ މަޝްހޫރު ގެލެކްސީ ސީރީޒްގެ އައު ސްމާޓްފޯނު، ސެމްސަންގް ގެލެކްސީ އެސް 5 މި އަހަރުގެ އޭޕްރިލް މަހު ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމެރިކާގެ ބްލޫމްބާގް ނޫހުން ހާމަކުރި ގޮތުގައި ގެލެކްސީ އެސް 5 ގައި “އައިރިސް ސްކޭނިން ޓެކްނޮލޮޖީ” ހުރުން އެކަށީގެންވެއެވެ. އައިރިސް ސްކޭނިން ސެކިއުރިޓީ ފީޗާ މެދުވެރިކޮށް ފޯނު ބޭނުންކުރާ މީހާގެ ލޮލުގެ ކަޅި ސްކޭން ކޮށްލުމާ އެކު ފޯނު ހުޅުވައިދޭނެއެވެ.
މިއީ ފިންގަޕްރިންޓް ޓެކްނޮލޮޖީއާއެކު އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން 5 އެސްއާ ވާދަކުރަން ސެމްސަންގް އިން ތައާރަފްކުރާ ޓެކްނޮލޮޖީއެއް ކަމަށް ނޫސް ތަކުން ވަނީ ސިފަކޮށްފައެވެ.
“އައިރިސް ރެކޮގްނިޝަން ޓެކޮލޮޖީ އަށް އުއްމީދު ކުރާ މީހުން ވަރަށް ގިނަ. އަހަރަމެން މިދަނީ ދިރާސާ ކުރަމުން،” ސެމްސަންގް މޮބައިލްގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ލީ ޔަންގް ހީ ބުންޏެވެ.
ސެމްސަންގުގެ ގެލެކްސީ ސީރީޒްގައި އާއްމުކޮށް ހުންނަ ސުޕާ އެމޮލެޑް ސްކްރީންތަކުގެ ބަދަލުގައި މިފަހަރު ގެލެކްސީ އެސް 5 ގައި ހުންނާނީ ޝާޕް ކުންފުނިން އުފައްދާފައިވާ “2 ކޭ” ޑިސްޕްލޭއެއް ކަމަށްވެސް ވަނީ އަޑުފެތުރިގައެވެ.
ލީ ޔަންގް ހީ ބުނީ ގެލެކްސީ އެސް 5 އާއެކު ގެލެކްސީ ގިޔަރ ގެ އާ ސްމާޓްވޮޗް އަތުކުރީ ގަޑިއެއްވެސް ނުކުންނާނެ ކަމަށެވެ.
“އަހަރަމެންގެ ފްލޭގްޝިޕް މޮޑެލް މި ދައްކާލަނީ ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު، ގާތްގަނޑަކަށް މާޗް ނުވަތަ އޭޕްރިލް ހިސާބުގައި. އެސް 5 ނެރޭ އިރު ގިޔަރ ގެ އައު ގަޑިއެއްވެސް ނެރެން މި އުއްމީދު ކުރަނީ. މީގައި ހުންނާނީ ފަހުގެ ފަންގްޝަންތައް. ފަރުމާވެސް ވާނީ ރަނގަޅުކޮށްފައި،” ލީ ބުންޏެވެ.
ދުނިޔޭގެ މޮބައިލްފޯނު ބާޒާރުގައި ވިކޭ ފޯނުތަކުގެ ތެރެއިން ކޮންމެ 3 ފޯނުން 1 ފޯނަކީ ސެމްސަންގް ފޯނެކެވެ.