ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ނަމުގައި، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށްދީފައިވާ އިންޑިއާގެ ކުންފުނި، ޖީއެމްއާރުން ނަގާފައިވާ ދެ ޓިކެޓަކީ ސައްހަ ދެ ޓިކެޓް ކަމަށް ސްރީލަންކަން އެއާލައިންސުން ދެންމެ ސަން އޮންލައިނަށް ކަށަވަރުކޮށްދީފި އެވެ.


ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖާ ދަމިކަ ކުލަތުންގޭ، ވިދާޅުވީ އެ ދެ ޓިކެޓަކީ ސައްހަ ދެ ޓިކެޓް ކަމަށް ބުނެ، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ސިޓީއެއް ދެއްވާފައިވާނެ ކަމަށާއި އެ ސިޓީ ދެއްވީ "އެ ޓިކެޓުތަކަކީ ފޯޖްޑް (އަސްލު ނޫން) އެއްޗެހި ކަމަށް ބަޔަކު ބުނާތީ" ކަމަށެވެ.


މިއަދު ހަވީރު އުމަރުގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އުމަރު ނަސީރު ވިދާޅުވީ އެ ލިޔެކިޔުމުން ޝާހިދާއި ތަސްމީނަށް ޖީއެމްއާރުން ޓިކެޓް ދިންކަން ސާބިތުވާ ކަމަށާއި އެ މައްސަލަ ޑީއާރުޕީގެ ކައުންސިލުންނާއި ކަމާ ބެހޭ އެ ނޫން ފަރާތްތަކުން ބަލަން ޖެހޭނެ ކަމަށެވެ. 


އަދި އެ ޕްރެސް ކޮންފަރެންސުގައި ސްރީލަންކަން އެއާލައިންސުން ދިން ސިޓީގެ އަސްލު އުމަރު ވަނީ މީޑިއާއާ ހިއްސާކުރައްވައިފަ އެވެ. 


އެއާލައިންގެ ސިޓީގައި ބުނެފައި ވަނީ ތަސްމީނާއި ޝާހިދު ކޮލަމްބޯ މަގުން ދިއްލީން މާލެ އައުމަށް އޮކްޓޫބަރު 16، 2010ގައި ދެ ޓިކެޓު ދޫކޮށްފައިވަނީ، ހައިދުރާއާބާދުގައި ހުންނަ "އޮތަރައިޒްޑް އޭޖެންޓެއް"ގެ ފަރާތުން ނަގާފައިވާ ދެ ޓިކެޓް ކަމަށެވެ.


އޮކްޓޫބަރު މަހު މެދުތެރޭގައި ޓިކެޓް ނެގި އަސް، ޓިކެޓްގައިވާ ގޮތުން، އެ ބޭފުޅުން ދަތުރު ކުރެއްވުމަށް ނިންމަވާފައި ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު އެވެ.


ނަމަވެސް އެ ޓިކެޓްތަކުގައި އެ ދެ ބޭފުޅުން ދަތުރުކޮށްފައި ނުވާ ކަމަށާއި މިހާރު އެ ދެ ޓިކެޓް ވަނީ ރީފަންޑްކޮށްފައި ކަމަށް ވެސް ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި ދަމިކާ ވިދާޅުވި އެވެ.


އުމަރު މިއަދު ވިދާޅުވީ އެ ދެ ބޭފުޅުން ދަތުރުފުޅު ކެންސަލް ކުރެއްވީ ރައީސް މައުމޫން އެ ދެ ބޭފުޅުންނާ ގުޅުއްވުމުން ކަމަށެވެ.


އެ ދެ ޓިކެޓްގެ މައްސަލަ ފެންމަތި ވުމާ ގުޅިގެން ތަސްމީނާއި ޝާހިދު މިދިޔަ މަހު 28ގައި ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބޭފުޅުން ޖީއެމްއާރުން ޓިކެޓެއް ނުހޯއްދަވާ ކަމަށެވެ. އަދި ތަސްމީން ވިދާޅުވީ ޖީއެމްއާރު މެދުވެރިކޮށް ޓިކެޓެއް ބައްލަވައި ނުގަންނަވާ ކަމަށާއި "ޖީއެމްއާރުން ގަތް ޓިކެޓްގެ ކަންތައް އެނގޭނީ ޖީއެމްއާރަށް" ކަމަށެވެ.


ޝާހިދު ވިދާޅުވީ އޭނާ ދުވަހަކު ވެސް ޖީއެމްއާރު ބަޔަކާ ފޯނުން ވެސް އަދި އެ ނޫން ގޮތަކަށް ވެސް ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި އިންޓަނެޓް ބައެއް ސައިޓްތަކުގައި އެ ބޭފުޅުން ޖީއެމްއާރު މީހުންނާ ބައްދަލުކުރެއްވި ކަމަށް ދައްކާ ވާހަކަ އަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.