09 Jan 2014, 13:17
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ ކެމްޕޭނަށް ހެޕީމާކެޓް މުހައްމަދު ނައީމު ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށް އަލްހާން ދައްކަވާ ވާހަކަތައް ނައީމު ދޮގުކުރައްވައިފި އެވެ.
ހެޕީމާކެޓް ނައީމު މިއަދު ނެރުއްވާފައިވާ ކުރު ބަޔާނެއްގައި ބުނީ އަލްހާން ފަހުމީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާގެ ކެމްޕޭނަށް ނައީމު އެހީތެރިވާ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
"އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ނުވަތަ އަޅުގަނޑުގެ ކުންފުންޏެއް މެދުވެރިކޮށް ނަމަވެސް އެއްވެސް ފައިސާގެ އެހީތެރިކަމެއް އަލްހާން ފަހުމީގެ ކެމްޕެއިނަށް ފޯރުކޮށްދީފައެއް ނުވާނެ އެވެ" ނައީމު ނެރުއްވި ކުރު ބަޔާނުގައިވެ އެވެ. "އަދި ހަމަ އެހެންމެ، އެނޫން އެހެން ބާވަތެއްގެ އެހީތެރިކަމެއް ވެސް ރަސްމީ ހައިސިއްޔަތަކުން ނުވަތަ އެ ނޫން ވެސް ހައިސިއްޔަތަކުން ވެސް ވެދީފައެއް ނުވާނެ އެވެ."
ނައީމު ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރަންވަމުން ގެންދަވާ ބޭފުޅެއްގެ ފަރާތުން އަދި ކުރިމަގުގައި އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރައްވަން ގަސްތު ކުރައްވާ އަލްހާންގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާދާރު ކަމެއް ނެތް ކަމެއް އަމަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދި، ނައީމާ ދޭތެރޭ ދެކޭ ގޮތަށް އުނިކަން އައިސް، އޭނާގެ އަމިއްލަ ފަރުދީ ހައްގަށާއި ނަމަށް އުނިކަން ލިބިފައިވާ ކަމަށެވެ.
ނައީމުގެ ބަޔާނާ ބެހޭ ގޮތުން ކޮމެންޓެއް ހޯދުމަށް މެސެޖުކޮށް އަދި ފޯނު ކުރުމުން ވެސް އަލްހާންގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ޓްރޭޑާސް ހޮޓަލުގައި އޮތް ބައްދަލުވުމުގައި އަލްހާން ވިދާޅުވީ އައްޑޫ ސިޓީގެ ވަރަށް ގިނަ ވިޔަފާރިވެރިން އޭނާގެ ކެމްޕޭނަށް ފައިސާގެ އެހީވާ ކަމަށާއި އޭގެ ތެރޭގައި ހެޕީމާކެޓް ނައީމު ވެސް ހިމެނޭ ކަމަށެވެ.