ކުރިއަށް އޮޔް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގެންނަ ކޯޗާއެކު އެކުލަބުގެ ފަރިތަކުރުންތައް މާދަމާ ފެށާނެ އެވެ.

ނިއުގެ ޑިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ "ސަން" އަށް މިއަދު ވިދާޅުވީ، ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފުރަތަމަ ޕްރެކްޓިސް މާދަމާ ހަވީރު 4:00ގައި ޓާފް އެއްނަންބަރު ދަނޑުގައި އޮންނާނެ ކަމަށާއި ޓީމަށް އަލަށް ގެންނަ ކޯޗް ވެސް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށެވެ.

"ފަރިތަކުންތައް ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު ޓާފް އެއްނަންބަރު ދަނޑުގައި . ޓީމަށް އަލަށް މިފަހަރު ގެންނަ ކޯޗް ވެސް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާލެ އަންނާނެ. މާދަމާގެ ފަރިތަކުންތަކުގައި ކޯޗް ވެސް ބައިވެރިވާނެ." އަންވަރު ވިދާޅުވި އެވެ.

ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރި ނިއއަށް ގެންނަ ކޯޗަކީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އުމުރުން 56 އަހަރުގެ އެންޖަލް ޕެރޭޒް ގާސިއާ އެވެ.

ގާސިއާ އަކީ ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. ރެއާލް މެޑްރިޑަށް 80ގެ އަހަރު ތަކުގައި ކުޅުނު ގާސިއާ ވަނީ ސްޕެއިންގެ އަލްމެރިއާގެ ބީ ޓީމުގެ ކޯޗުކަމާއި، ރެއާލް މެޑްރިޑުން ސެންޓްރަލް އެމެރިކާގައި ހިންގާ ސޯޝަލް އިންޓަގްރޭޝަން ޕްރޮގްރާމްތަކުގައި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މެދުއިރުމަތީގެ ބައެއް ކްލަބްތަކަށް ވެސް ކޯޗްކަން ކޮށްދީފަ އެވެ.

ސްޕެއިންގެ މިހާރުގެ ކޯޗު ޑެލް ބޯސްކޭއާއެކު ރެއާލްއަށް ކުޅުނު ގާސިއާ ވަނީ، ރެއާލްގެ އިތުރުން ސްޕެއިންގެ ސީޑީ ރޮލްޑާން، ރެއާލް މުރްސިއާ އަދި އެލްޗޭއަށް ވެސް ކުޅެފަ އެވެ.

އާކޯޗާއެކު ނިއުގެ ފުރަތަމަ ޕްރެކްޓިސް މާދަމާ ފަށާއިރު، ސީޒަނުގައި ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެޓީމަށް ވަނީ ބްރެޒިލްގެ ފޯވާޑެއް ވެސް ހޯދައިފަ އެވެ.

އަންވަރު ވިދާޅުވީ، ނިއުއަށް މިފަހަރު ހޯދި ބްރެޒިލްގެ 25 އަހަރުގެ ފޯވާޑް މާލެ އަންނާނެ ފައިނަލް ތާރީހެއް މިއަދުގެ ވަގުތެއްގައި ހަމަޖެހޭނެ ކަމަށެވެ.

ބިދޭސީ ފޯވާޑެއް ހޯދުމުގެ އިތުރުން ނިއުއިން ވަނީ ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި މުހުތާރު ނަސީރު (ޓޫކިލޯ) ވެސް މިފަހަރު ހޯދައިފައެވެ. އަދި މިދިޔަ ސީޒަންގައި ނިއު އަށް ކުޅުނު މުހިންމު ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރު އާއި އަހުމަދު ނިޔާޒް (ނިޔާ) އާއި އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި އިމްރާން މުހައްމަދު ވަނީ ކޮންޓުރެކްޓް އާކޮށްފަ އެވެ.

މިދިޔަ ސީޒަންގައި ނިއުއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ދިރާގު ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ނިއު އިން ވަނީ މި އަހަރުގެ އޭއެފްސީ ކަޕްގައި މޮޅު ކުޅުމެއް ދައްކާ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

މިއަހަރުގެ ސީޒަނަށް ނިއު އިން ކުރިމަތިލާނީ، ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް މިލްކު ކުރުމުގެ އަޒުމުގައި ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.