އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ކޮންސިއުމަބުލްސް ސަޕްލައި ކުރުމުގެ އެގްރީމެންޓެއްގައި އައިޖީއެމްއެޗްގެ ސީއީއޯ އާއި އެސްޓީއޯގެ އެމްޑީ މިއަދު ސޮއި ކުރައްވައިފި އެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗަށް ބޭނުންވާ ކޮންސިއުމަބުލްސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އައިޖީއެމްއެޗަށް ސަޕްލައިކޮށްދެއްވާނެ ކަމަށް، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވި އެވެ. އަދި އެ ސަޕްލައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިތުރު ލުއިކަމެއް ލިބި އައިޖީއެމްއެޗް ހިންގުމަށް ވެސް އިތުރު ލުއިކަމެއް ލިބިގެން ލިބިގެން ދާނެކަމަށް އުންމީދުކުރައްވާ ކަމުގައި އެމްޑީ އާޒިމް ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗުން ކޮންސިއުމަބުލްސް ހުސްވުމުގެ ފުރުސަތު ވެސް ކުޑަވެގެން ދާނެ ކަމައް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ މި ސަޕްލައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިތުރު ލުއިކަމެއް ލިބި އަދި އައިޖީއެމްއެޗް ހިންގުމަށް ވެސް އިތުރު ހަރުދަނާކަމެއް ލިބިގެން ދާނެކަމަށް،" އާދަމް ވިދާޅުވި އެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސްޓާފުންނަށް ވެސް އިތުރު ލުއިކަމެއް ލިބި، އެ ބޭފުޅުން ދުވަހުން ދުވަހަށް ކަސްޓަމަރުންނަށް ދެއްވަން ޖެހޭ ހިދުމަތްތައް ބަރާބަރަށް ދިނުމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ ޑރ. ހުސެއިން ހަބީބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެސްޓީއޯ އަކީ މީގެ ކުރީގައި ވެސް "ޒަމާންތަކެއް ވަންދެން" އައިޖީއެމްއެޗަށް ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އަދި "ބައެއް ފަހަރު ހިތްހަމަޖެހުމާއި ހިތްހަމަނުޖެހުމުގެ ތެރެއިން ވެސް، އެސްޓީއޯ އާ ނުލައި ނޫޅެވޭ ހިސާބަށް އެސްޓީއޯގެ ހިދުމަތްތަށް ބޭނުންކުރެވިފައި"ވާ ކަމަށެވެ.

އެ އެގްރީމެންޓްގެ ސަބަބުން އައިޖީއެމްއެޗުން ދެމުން ގެންދާ ބޭހުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ އެމްޑީ ވިދާޅުވި އެވެ.