ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރި މެލޭޝިޔާގެ ނެކްސްބިޒް ލިމިޑެޓުން އިމިގްރޭޝަނަށް ދީފައިވާ ލެޕްޓޮޕްތަކަކީ ރިޝްވަތުގެ ގޮތުގައި ދީފައިވާ ތަކެތި ކަމުގައި ބެލެވޭތީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު އިލްޔާސް ހުސައިން އިބްރާހިމާއި އިތުރު ހަތަރު ބޭފުޅެއްގެ މައްޗަށް ރިޝްފަތު ހިފުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި ފަސް ބޭފުޅުންނަކީ އެ ޕްރޮޖެކްޓުގެ ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންކަމަށެވެ.

އިލްޔާސްގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ގ. ލިޓޯނިޔާ، އަބްދުﷲ ވަހީދާއި ހ. ރޭ އިބްރާހީމް އަޝްރަފާއި މާލޭ ދަފްތަރު 3281 ސައީދު މުހައްމަދާއި މއ. ބީޗްހައުސް އަލީ ސައީދުގެ މައްޗަށެވެ.

އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވާއި މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުންނެވެ.

އޭސީސީން މިއަދު އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ އެލެޕްޓޮޕްތަކަކީ ޕްރޮޖެކްޓުގެ ސްޓިއަރިން ކޮމެޓީގައި ހިމެނޭ އިމިގްރޭޝަންގެ މުވައްޒަފުން ނެކްސްބިޒަށް ލުޔެއް ނުވަތަ ހެވެއް ނުވަތަ މަންފާއެއް ހޯދައި ދިނުމަށްޓަކައި ރިޝްވަތު ހިފުމަށް ފަހު، އިމިގްރޭޝަންގެ އެހެން މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ދީފައިވާ ލެޕްޓޮޕްތަކެއްކަން ތަހުގީގަށް ލިބިފައިވާ ކިތާބީ އަދި ޝަފައީ ހެކިތަކުން ބެލެވޭ ކަމަށެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރާއި ނެކްސްބިޒާ ދެމެދު ވެފައިވާ ކޮންސެޝަން އެގްރީމެންޓަށް ބަލާއިރު، ނެކްސްބިޒުން އިމިގްރޭޝަނަށް ޑެލިވާކޮށްދޭނެ އައިޓަމްތަށް ހިމަނާފައިވާ ކަމަށާއި އޭގެތެރޭގައި ލެޕްޓޮޕް ހިމަނާފައިނުވާ ކަމަށެވެ.

ތަހުގީގަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާ އިރު އިމިގްރޭޝަނާއި ނެކްސްބިޒުން ލެޕްޓޮޕް ބޭނުންކުރަން ނިންމާފައި ވަނީ ސްޓޭކް ހޯލްޑަރުންގެ މެދުގައި ކުރެވޭ މުއާމަލާތުތައް ހަރުދަނާކުރުމަށާއި ބޯޑާ ކޮންޓްރޯލްގެ މޮޑިއުލްތައް އަޅައިގެން ޓެސްޓު މަރުހަލާގައި ރިޕޯޓު ކުރުމުގެ ބޭނުގައިކަން އެނގެން އޮންނަ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރަށް ބޯޑާ ކޮންޓްރޯލްގެ ޓްރޭނިންއަށް ވެސް އެ ލެޕްޓޮޕްތަކުގެ ބޭނުންކުރަން ނިންމާފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގެން އޮންނަ އިރު ޓެކްނޮލޮޖީގެ ގޮތުން ބަލާ އިރު ޑެކްސްޓޮޕް ކޮމްޕިއުޓަރުން ކުރެވޭ، ލެޕްޓޮޕުން ނުކުރެވޭ ވަކިބޭނުންމެއް ނޯންނާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ޑެކްސްޓޮޕް އިން އެ ހުރިހާ ބޭނުމެއް ވެސް ކުރެވޭނެ ކަމަށާއި، ހަމައެކަނި ތަފާތަކީ ލެޕްޓޮއިން މޯބައިލްކޮށް ހުރިހާ ކަމެއް ކުރެވުން ކަމަށް ސްޓިއަރިން ކޮމެޓީގެ މެމްބަރެއް ކަމުގައިވާ އިމިގްރޭޝަންގެ އައިސީޓީ ސެކްޝަންގެ އިންޗާޖް މި ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވާތީ އާއި އިމިގްރޭޝަންގެ ކޮންމެ މުވައްޒަފެއްގެ ވޯކް ސްޓޭޝަންގައި ޑެސްޓޮޕް ކޮމްޕިއުޓަރެއް ބަހައްޓާފައި ހުރުމުން އެ ހުރިހާ ބޭނުމެއް ޑެސްކްޓޮޕް ކޮމްޕިއުޓާ އިން ކުރެވޭނެ،" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބޯޑާ ކޮންޓޮލް ސިސްޓަމްގެ މަސައްކަތް ހިމިގްރޭޝަނާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވާފައިވާ ކަމުގެ ތުހުމަތުގައި އިލްޔާސް އާއި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލިއޭޝަން ބޯޑުގެ ކުރީގެ ޑިރެކްޓަރު ސާމީ އަގީލްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.