09 Jan 2014, 11:21
ކައިވެނި ހަރާމް މީހަކާ އެކު ބަދުއަޚްލާގީ އަމަލު ހިންގި މައްސަލައަކާ ގުޅިގެންނާއި ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ކޯޓަށް ހާޒިރުވެފައިނުވާ މީހަކާއި އިތުރު މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ މއ. ނޫރަނުގެ، މުހައްމަދު އިހުސާން،27،އާއި ގ. ސައުތުބްރީޒް، މަރިޔަމް ރިޔާސާ 31، ކަމަށެވެ.
އެ ދެ މީހުން ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަ ދެ މީހުންގެ ތެރެއިން މުހައްމަދު އިހުސާނަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކައިވެނި ހަރާމް މީހަކާ އެކު ބަދުއަޚްލާގީ އަމަލު ހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުވުމުގެ އަމުރާއި ހަވާލުވެ އެކޯޓަށް ހާޒިވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
އަދި މަރިޔަމް ރިޔާސާއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ފުލުހުންނާއި ހިއްސާ ކުރަން ވަނީ އެދިފަ އެވެ.