09 Jan 2014, 10:57
އެމެރިކާގައި މަސައްކަތް ކުރަމުން އައި އިންޑިއާގެ ޑިޕްލޮމެޓެއް ކަމަށްވާ ދޭވްޔާނީ ކޮބްރަގަޑޭއާ ދެކޮޅަށް ކުރަމުން އަންނަ ޝަރީއަތް ލަސްކޮށްދިނުމަށް ދޭވްޔާނީގެ ވަކީލުން އެދުމުން، އެ ފުރުސަތު ދެވެން ނެތް ކަމަށް ކޯޓުން ބުނެފި އެވެ.
ދޭވްޔާނީގެ މައްޗަށް ކުރެވިފައިވާ ވިސާ އޮޅުވާލުމާއި މަސައްކަތު މީހަކަށް މަދުން މުސާރަ ދިނުމުގެ ދައުވާތަކުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހަ ށެވެ.
ދޭވްޔާނީ ކޮބްރަގަޑޭގެ ވަކީލުން ކޯޓަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ ދޭވްޔާނީގެ މައްސަލަ ދޫކޮށްލުމަށް އެމެރިކާ ސަރުކާރާއި އިންޑިއާ ސަރުކާރުން ވާހަކަ ދައްކަމުން އަންނާތީވެ، މިހާ އަވަހަށް ފުރަތަމަ އަޑުއެހުން ނުބާއްވާ ލަސްކޮށްދިނުމަށް އެދޭ ކަމަށެވެ.
ނަމަވެސް މައްސަލަ ނިންމަމުން ފަނޑިޔާރު ސާރާ ނެޓްބާން ވިދާޅުވެފައި ވަނީ ދޭވްޔާނީ އަކީ މިދިޔަ އަހަރު ހައްޔަރު ކުރެވުނު މީހެއް ކަމުން ފުރަތަމަ އަޑުއެހުން ޖެނުއަރީ 13 ގެ ކުރިން ބާއްވަން ޖެހޭ ކަމަށެވެ.
އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ ކޮންސުލް ޖެނެރަލްގެ މަގާމުގައި ހުންނެވި ދޭވްޔާނީ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ހައްޔަރުކުރުމަށް ފަހު ދޭވްޔާނީއާ މެދު ކަންތައް ކޮށްފައި ވަނީ ވަރަށް ދަށު ދަރަޖައިގާ ކަމަށާއި ހެދުން ބާލައިގެން ބޮޑީ ޗެކްކޮށްފައިވާ ކަމަށް ބުނެ އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފަ އެވެ.
މިކަމާ ގުޅިގެން އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެގެން ގޮސްފައިވާ އިރު، މިހަފުތާގެ ތެރޭގައި އިންޑިއާއަށް އެމެރިކާ އެނާޖީ ސެކެޓްރީ އާނެސްޓް މޮނިޒް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ވަނީ ކެންސަލްކުރައްވާފަ އެވެ.
އިންޑިއާ އިން ބުނެފައި ވަނީ ދޭވްޔާނީއަކީ ޑިޕްލޮމެޓެއް ކަމުން ވިއެނާ ކޮންވެންޝަންގެ ދަށުން އޭނާ ހައްޔަރުކުރެވިގެން ނުވާނެ ކަމަށެވެ. ނަމަވެސް އެމެރިކާ އިން ބުނީ ދޭވްޔާނީ އަށް އިމިއުނިޓީ އެއްކޮށް ދީފައިނުވާ ކަމަށާއި އިމިއުނިޓީ ދީފައި ވަނީ އިންޑިއާގެ ދާހިލީ ކަންކަމާއި ކޮންސިއުލޭޓްގެ މަސައްކަތްތަކާ ބެހޭ ގޮތުން ސުވާލުކޮށް ހައްޔަރުނުކުރެވޭ ގޮތަށް ކަމަށެވެ.
ކަފާލާތުގެ ދަށުން މިހާރު ދޭވްޔާނީ ދޫކޮށްލާފައިވާ އިރު، އިންޑިއާ އިން ވަނީ އދ.ގައި ހުންނަ އިންޑިއާގެ މިޝަންއަށް ދޭވްޔާނީ ބަދަލުކޮށް އޭނާއަށް ފުލް އިމިއުނިޓީ ދިނުމަށް އެޕްލައިކޮށްފަ އެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ ދޭވްޔާނީގެ ފުލް އިމިއުނިޓީ އެޕްލިކޭޝަން އަދިވެސް ރިވިއުކުރަމުންދާ ކަމަށެވެ.