09 Jan 2014, 10:44
އާ ސަރުކާރާ އެކު ރާއްޖެއާއި ބޭރުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެންދާތަން މިހާރު ފެންނަމުން އަންނަ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ހާރިޖީ ވަޒީރު މިއަދު ވިދާޅުވީ، ބޭރުގެ ގައުމުތަކާ އެކު ރާއްޖެ އިން އިތުރަށް ގުޅުން ބަދަހިކޮށް ތަފާތު ދާއިރާތަކުން ރާއްޖެ އަށް އެހީތެރިކަން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށާއި އަދި އޭގެ ނަތީޖާ ވެސް ވަރަށް ރަނގަޅު ކަމަށެވެ.
"އަޅުގަނޑުމެންގެ ގުޅުން އެތައް ގައުމަކާ އިތުރަށް ބަދަހިވާތަން އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުންނަށް މިހާރު ފެނިވަޑައިގަންނަވާނެހެން. މިގޮތުން ޗައިނާއާ އެކު އޮތް ގުޅުން ބަދަހި ކުރުމަށް ވެސް އަޅުގަނޑުގެ މިނިސްޓްރީއާ އަދި ޗައިނާ ސަރުކާރާއި އެގައުމުގެ ފޮރިން މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ،" ދުންޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ، އާ ސަރުކާރާ އެކު ރާއްޖެ އާއި ޗައިނާ ސަރުކާރާ ދެމެދު ގުޅުން އިތުރަށް ހަރުދަނާ ވެގެން ގޮސްފައިވާ އިރު ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރަށްގީ އަށް މިހާރު ވެސް އިތުރު އެހީތަކެއް ދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.
"ޗައިނާގެ ވައިސް ފޮރިން މިނިސްޓަރު މިސްޓަރު ލިއުޒެން މިން ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ވެސް ވަރަށް ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރެވިއްޖެ. އޭގެ ތެރެއިން އިތުރު ކުރިއެރުންތަކެއް ލިބިއްޖެ. އަދި ޗައިނާގެ އެހީ ރާއްޖެއަށް އަބަދުވެސް ލިބެމުން ދަނީ. އަދި އިތުރަށް ވަރަށް ފަހުން ވެސް ވަރަށް ބޮޑެތި އެހީގެ އެގްރީމެންޓްތަކުގައި ސޮއި ކުރެވިއްޖެ،" ހާރިޖީ ވަޒީރު ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ރާއްޖެ އަށް ގެންނަވަން އުޅުއްވާ ތަރައްގީގެ ވަރަށްގިނަ ކަންކަމަށް ޗައިނާ ސަރުކާރުން އެހީ ލިބޭނޭ ކަމަށް ދެފަރާތުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތައް ފެށިގެން އޭގެ ފައިދާ އާއި އިތުރު މަންފާ، ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާތަން ފެނިގެން ދިއުމަކީ އެކަމަނާގެ އުންމީދު ކަމަށެވެ.