މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބަހައްޓާނީ 468 ވޯޓް ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނަރަކް އާސިމް އަބްދުއްސައްތާތު މިއަދު ވިދާޅުވީ ކުރިން ކޮމިޝަނުން ނިންމާފައި ވަނީ 466 ވޯޓް ފޮށި ބަހައްޓަން ކަމަށާއި އެހެން ނަމަވެސް ބައެއް ސަރަހައްދުތަކުގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރި މީހުންގެ އަދަދު އިތުރުވެފައި ވާތީ މިހާރު ދެ ވޯޓް ފޮށި އިތުރުކޮށްފައިވާ ކަމަށެވެ.

"މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުމެން ކުރިން ބަހައްޓަން ނިންމަފައި ވަނީ 466 ވޯޓް ފޮށި. ނަމަވެސް ބައެއް ސަރަހައްދުތަކުގައި ވޯޓް ލުމަށްޓަކައި ރަޖިސްޓްރީ ކުރި މީހުން އިތުރުވެފައި ވާތީ މިހާރު އަޅުގަނޑުމެން ވާނީ ދެ ވޯޓް ފޮށި އިތުރުކޮށްފައި. އެހެން ވީމާ މިފަހަރު ކައުންސިލް އިންތިހާބުގައި ބަހައްޓާނީ 468 ވޯޓް ފޮށި،" އާސިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ފޮށި ބެހެއްޓި ތަންތަނުގެ ތެރެއިން 16 ވޯޓު ފޮއްޓެއް ލޯކަލް ކައުންސިލް އިންތިހާބުގައި ނުބަހައްޓުމަށެވެ. އެހެން ނަމަވެސް މާލޭގައި ދިރިއުޅޭ ތ. އަދި އައްޑޫގެ ރައްޔިތުން ވޯޓު ލުމަށް ބަހައްޓާ ދެ ފޮށްޓަކަށް ވޯޓު ލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު 1،250 އަށް ވުރެ އިތުރުވެފައި ވާތީ އެ ދެ ފޮށްޓައް ވޯޓު ލާން ދާ މާލޭގައި ދިރިއުޅޭ ތ. އަދި އައްޑޫގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އިތުރު ދެ ވޯޓު ފޮށި ބަހައްޓަން ނިންމީ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަންއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަ ކުރާ އެ ދެ ވޯޓު ފޮށި ބަހައްޓާނީ އަމީނިއްޔާ ސްކޫލްގައި ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ބަހައްޓާ އެ ދެ ފޮށި ހުންނާނީ މަޖީދިއްޔާ ސްކޫލްގައި ކަމަށް ކޮމިޝްނެގެ އިއުލާނުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަން ދެ ވޯޓް ފޮއްޓެއް އިތުރުކުރަން ނިންމި އިރު ދެ ވޯޓު ފޮށްޓެއް ބެހެއްޓުމަށް ކުރިން ހަމަޖެއްސި ދެ ތަން ވެސް ބަދަލުގެނެސްފަ އެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ރ. އަތޮޅުގެ މީހުންނަށް ބެހެއްޓުމަށް ހަމަޖެހިފައިވާ ހަތަރު ނަމްބަރު ފޮށި މިހާރު ބަހައްޓަން ނިންމާފައި ވަނީ ގުރުއާނާ ބެހޭ މަރުކަޒުގަ އެވެ. އަދި މެދުހެންވޭރު ދާއިރާގެ ފަސް ވަނަ ނަމްބަރު ވޯޓު ފޮށި ބަދަލުކޮށްފައި ވަނީ ދަރުމަވަންވަ ސްކޫލަށެވެ.

އިލެކްޝަންސް ކޮމިޝަން އިން ވޯޓް ފޮށި ނުބަހައްޓަން ނިންމާފައި ވަނީ އިންޑިއާގެ ނިއު ދިއްލީ އާއި ސިންގަޕޫރާއި އިނގިރޭސިވިލާތާއި ކުރެއްދޫ އައިލެންޑް ރިސޯޓާއި ކޮކޯޕާމް ބޮޑު ހިތި ރިސޯޓާއި ޑުސިޓް ތާނި މޯލްޑިވްސް އާއި އެނބޫދޫ ވިލެޖާއި ފަން އައިލެންޑާއި ވިވަންޓަ ކޮރަލް ރީފް މޯލްޑިވްސް ބައި ތާޖާއި ވެލިގަނޑު އައިލެންޑާއި ކޮންސްޓެންސް ހަލަވެއްޔާއި ކޮންރެޑް މޯލްޑިވްސް ރަންގައްޔާއި ރޮބިންސަނާއި ޖުމެއިރާގެ އިތުރުން ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާގަ އެވެ.