09 Jan 2014, 10:13
ރާއްޖެ އިން ޗައިނާ އަށް ދަތުރު ކުރާފަރާތްތަކަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ވިސާ ދޫކުރުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ޗައިނާ އެމްބަސީގައި މިއަދު ވިސާގެ ހިދުމަތް ތައާރާފް ކޮށްދެއްވީ، ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން އާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު މިސްޓަރު ވަންގް ފުކާންގް އެވެ.
ވިސާގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، ހާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ، ޗައިނާ އެމްބަސީގައި ވިސާ ސެކްޝަނެއް ހުޅުވިގެން ދިއުމަކީ ދިވެހިންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނޭ ކަމެއް ކަމަށާއި އަދި ދެ ގައުމުގެ ގުޅުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިންނަށް މީގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އެއީ ރާއްޖޭގައި ތިބެގެން އެމްބަސީ އަށް ޒިޔާރަތްކޮށް ވިޒާ ވަރަށް އަވަސްގޮތަކަށް ހޯދޭތީވެ،" ދުންޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ، މި މަސައްކަތްތަކަކީ ކުރިން ވެސް މަޝްވަރާ ކުރެވެމުން އައި ކަންތައްތަކެއް ކަމަށާއި އެހެން ނަމަވެސް މިކަމަށް އަމަލީ ސިފައެއް ގެނެވިފައި މިވަނީ އަދުގެ ސަރުކާރުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވަންގް ފުކާންގް ވިދާޅުވީ، 2011 ވަނަ އަހަރު ރާއްޖޭގައި ޗައިނާގެ އެމްބަސީ ހުޅުވި ފަހުން ރާއްޖޭގައި ޗައިނާ އަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ދޫކުރެވޭނޭ ގޮތް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އޭރު ތަފާތު ދަތިތަކާ ހުރެ އެ މަސައްކަތް ނުފެށުނީ ކަމަށެވެ.
"ދެހާސް އެގާރަ ވަނަ އަހަރު ޗައިނާ އެމްބަސީ ހުޅުވުމާގުޅިގެން އަޅުގަނޑުމެން ގެންދިޔައީ ދިވެހިންނަށް ވިސާގެ ހިދުމަތް ފަސޭހަކަމާ އެކު ހޯދައިދިނުމަށް މަސައްކަތްކެއް ކުރަމުން. އެކަމަކު އޭރު ދިމާވި ދަތިތަކާ ހުރެ އެކަން ނުވެދިޔައީ. އެހެން ނަމަވެސް މިއަދު އަހަރެމެންގެ ގާތް ދިވެހި ރަހްމަތްތެރިންނާ އެކު ކުރެވުނު މަސައްކަތުން މިވަނީ، މިއަދުން ފެށިގެން ވިސާގެ ހިދުމަތް ތައާރަފް ކުރެވިފައި،" ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު އިތުރަށް ވިދާޅުވީ، ރާއްޖެ އިން ދިވެހިންނަށް ޗައިނާއަށް ދަތުރުކުރުމުގެ ވިސާ ލިބޭނޭ ގޮތް ހަމަޖެހުމުން، އޭގެ ސަބަބުން ޗައިނާ އަށް ދަތުރުކުރުމުގައި ދިވެހިންނަށް ފަސޭހަތަކެއް ލިބުމުގެ އިތުރުން ދެގައުމުގެ ދޭދޭ ރައްޔިތުންގެ ގުޅުންވެސް އިތުރަށް ހަރުދަނާވެގެން ދާނޭ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނޭ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އެމްބަސީން ވިސާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ.
މީގެ ކުރިން ދިވެހިން ޗައިނާއަށް ދަތުރު ކުރުމަށް ވިސާ ހަމަޖައްސަނީ ސްރީލަންކާއަށް ދަތުރުކޮށް އެގައުމުގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރި ކޮށެވެ.