ދީންވެރިމީހުންގެ ނަފްސާނީ ޙާލަތު ދީންވެރިނޫން މީހުންނަށްވުރެ މާ ރަނގަޅުކަމަށް ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެއެވެ. އެމެރިކާގެ ވިސްކިންސަން މެޑިސިން ޔުނިވަރސިޓީން ކުރި މިދިރާސާއިން ހާމަވިގޮތުގައި ދީންވެރިމީހުންގެ ނަފްސާނީ ޙާލަތު ދީންވެރި ނޫންމީހުންނަށްވުރެ ރަނގަޅީ ހިތާމަތަކާއި ހާސްވުން ތަކާއި ހިއްދަތިވުންތައް ކުރިމަތިވާހިނދު އެމީހުން ހެއްދެވި ފަރާތަށް ވަކީލުކޮށްގެންނާއި ދީނީ ކަންތައްތަކުގައި މޝްޣޫލުވެގެން ހިތާމަތަކާއި ހިތްދަތިވުންތަކާ ދުރަށްދާން އެމީހުންނަށް އެނގޭތީއެވެ. މީގެއިތުރުން އީމާން ކަމުގެ ސަބަބުން ޤަޟާ ޤަދަރަށް އީމާންވުމާއި ކަންކަމާމެދު ރުހުމަކީ އެމީހުންގެ ނަފްސާނީ މައްސަލަތައް ކުޑަވާ ކަމެކެވެ. 3108 މީހުން ހިމަނައިގެން ކުރި މި ދިރާސާއިން ދައްކާގޮތުން ދީންވެރި މީހުންގެ އިޖްތިމާޢީ ގުޅުންތައްވެސް ދީންވެރި ނޫންމީހުންނަށްވުރެ މާރަނަގަޅެވެ. މިފަދަމީހުންގެ ރަޙްމަތްތެރިން ގިނަވެފައި ރަޙްމަތްތެރިންގެ ބޭނުން ހެޔޮގޮތުގައި ހިފައެވެ. މީގެއިތުރުން އަމިއްލަ ނަފްސުގެ އިތުބާރުވެސް ދީންވެރިމީހުންގެ ކިބާގައި ދީންވެރިނޫން މީހުންނަށްވުރެ ބޮޑުކަން މިދިރާސާއިން ހާމަވެއެވެ.