09 Jan 2014, 09:29
ޕެރިސް (ޖަނަވަރީ 9): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ތަޅާފޮޅުންތަކާއި ހަނގުރާމަ އިތުރަށް ވަރުގަދަވެ އެ ހަނގުރާމައިގާ 340 އަށްވުރެ ގިނަ މީހުން މަރުވެއްޖެކަން "ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ހާމަކޮށްފި އެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ (ޕެރިހުގައި މަރުކަޒު ހުންނަ) ޖަމާއަތެއްކަމަށްވާ "ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ދެޖަމާއަތެއް ކަމަށްވާ "ފްރީސީރިޔަން އާމީ"ގެ ހަނގުރާމަވެރިންނާއި އަލްގާއިދާ އަށް ނިސްބަތްވާ "ދިއިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް" (ދާޢިޝް) ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު މީގެއެތަށް ދުވަސްތަކެއް ކުރިންފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގައި ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި 340 އަށްވުރެ ގިނަ މީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވާ އިރު މީގެ ތޭރޭގައި ގިނަ އަދަދެއްގެ އާންމުން ވެސް ހިމެނޭކަމުގަ އެވެ.
"ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" ބުނާ ގޮތުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ މެދުގައި ހަނގުރާމަ ހިނގަމުން ދަނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ކޮންޓްރޯލް ނެތް އަދި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުގަ އެވެ. މިއީ ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސަރަހައްދުތަކެވެ.
ސޫރިޔާގެ އިދިކޮޅު ސިޔާސީ ހުރިހާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން ވަނީ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް" (ދާޢިޝް) ޖަމާއަތުގެ ހަނގުރާމަވެރިންނަކީ ބައްޝާރުގެ ވެރިކަން ދިފާޢުކުރުމަށް މަސައްކަތްކުރާ އޭނާ އަށް ވަފާތެރި ހަނގުރާމަވެރިން ފަދަ އަނިޔާވެރި ބައެއް ކަމަށް ސިފަކޮށް އިދިކޮޅު އިއްތިޙާދުގެ ތާއީދުއޮތީ "ފްރީސީރިޔަން އާމީ" ޖަމާއަތަށްކަން ހާމަކޮށް އިއްޔެ ބަޔާނެއް ނެރެފަ އެވެ. އަދި "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް" ޖަމާއަތުގެ ހަނގުރާމަވެރިންނަކީ އަލްގާއިދާއަށް ނިސްބަތްވާ ގައުމުގެ ޚާއިނުން ކަމަށާ އެމީހުން ދީނުގެ ނަމުގައި މަސައްކަތް ކުރަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ރުކުރުވާލާފައިވާ ސަފުތައް ބަލިކަށިކޮށް އިދިކޮޅު ހަނގުރާމަވެރިންގެ ބާރުކަނޑުވާލައި އެމީހުން ބައިބައިކޮށްލުމަށް ކަމަށް ވެސް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ނެރުނު ބަޔާން ބުނެ އެވެ.
ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ދެޖަމާއަތް ކަމަށްވާ"ދި އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް" ޖަމާއަތާއި "ފްރީސީރިޔަން އާމީ" ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އަލްގާއިދާއަށް ތާއީދުކުރާ ކަމަށް ތުހުމަތުކުރެވޭ "އައްނުސްރާ" ޖަމާއަތުގެ ހަނގުރާމަވެރިން ވެސް މިހާރު ވަނީ ވަދެފަ އެވެ. "އައްނުސްރާ" ޖަމާއަތުގެ ހަނގުރާމަވެރިން ހަނގުރާމަކުރަމުން ގެންދަނީ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް" ޖަމާއަތާ ދެކޮޅަށް "ފްރީސީރިޔަން އާމީ" ޖަމާއަތާ ގުޅިގެން ކަމަށް ސޫރިޔާގެ އިދިކޮޅު އިއްތިހާދުން ބުނެ އެވެ. ސޫރިޔާގެ އިދިކޮޅު ރައީސް އަހްމަދުލްޖަރްބާ ވަނީ ސޫރިޔާގެ ރައްޔިތުން ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށްކުރާ ޖިހާދުގެ ނަން ހުތުރުކުރުމަށް ހައްދުފަހަނަޅާފައިވާ ޖަމާޢަތްތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި އެހަނގުރާމައިގާ މަރުވަމުންދާ މީހުންގެ ޚަބަރުތަކާއި ތަފާސްހިސާބުތައް ގެނަސްދޭ "ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ވެސް އިއްޔެ ވަނީ "އައްނުސްރާ" ޖަމާއަތުން ހަނގުރާމަކުރަމުން ގެންދަނީ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް"ޖަމާއަތާ ދެކޮޅަށްކަން ކަށަވަރުކޮށްދީފަ އެވެ."ދި އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް" ޖަމާއަތުން ނެރުނު ބަޔާނެއްގައި "ފްރީސީރިޔަން އާމީ"ގެ ހަނގުރާމަވެރިންނަކީ އެ ޖަމާއަތުގެ ހަމަލާތައް އަމާޒުކުރާނެ އުދުވާނީ ލަނޑުދަނޑިއެއް ކަމަށްބުނެ ހަނގުރާމަ ކުރިޔަށްގެންދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމަށް ވަނީ ވަރަށް ބޮޑު ލުއެއް ލިބިފަ އެވެ. ހަނގުރާމަވެރިންގެ ޙަމަލާތައް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އަމާޒުކުރަމުން ގެންދާއިރު ބައްޝާރަށް ތާއީދުކުރާ މިލީޝިޔާތަކުންނާއި ސޫރިޔާ ސިފައިން ގެންދަނީ އެމީހުންގެ ބާރު ގަދަކުރަމުންނެވެ. (އަލްޖަޒީރާ)