ގާހިރާ (ޖަނަވަރީ 9): މަގާމުން ދުރުކޮށްފައިވާ މިޞްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ މައްޗަށް އެ ގައުމުގެ ވަގުތީ ސަރުކާރުން ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބޭއްވުން ފަސްކޮށްފި އެވެ.

ޑރ. މުޙައްމަދު މުރްސީއާއި ދެކޮޅަށް ކުރާ ޝަރީޢަތުގައި ކޯޓު އަޑުއެހުމަކަށް އިއްޔެ އޭނާ ހާޒިރު ނުކުރެވުމުގެ ސަބަބުން ކޯޓުން ވަނީ އަންނަ ފެބްރުއަރީ މަހުގެ އެކެއްގައި އަލުން އަޑުއެހުމުގެ ޖަލްސާ ބޭއްވުމަށް ނިންމިކަން އިޢްލާންކޮށްފަ އެވެ. މުރުސީ ހުންނެވި ކަމަށް ވަނީ އިސްކަންދަރިއްޔާގެ ޖަލެއްގަ އެވެ. މުރުސީ މަގާމުން ދުރުކުރުމަށް ފަހު މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ސަރުކާރުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ ޑރ. މުރުސީ ޝަރީއަތުގެ މަޖިލީހަށް އިއްޔެ ހާޒިރު ނުކުރެވުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ސަރުކާރުގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ.
މި އަހަރުގެ ފިނިމޫސުމުގައި ބައެއް ޢަރަބި ގައުމުތަށް ކުރަމުންދާ ވިއްސާރަ އާއި ސްނޯގެ ތޫފާންތަކުގެ އަސަރު މިސްރަށް ވެސް ވަނީ ފޯރާފަ އެވެ. މިގޮތުން ގާހިރާ އަށް އިއްޔެ ވަނީ އާދަޔާއި ޚިލާފަށް ބޯކޮށް ސްނޯ ފައިބާފައެވެ. ސްނޯގެ ސަބަބުން މޫރްސީ ގޮވައިގެން ދަތުރު ކުރަން އޮތް ހެލިކޮޕްޓަރަށް ދަތުރު ކުރަންދަތިކަމުން އޭނާ ކޯޓަށް ހާޒިރު ނުކުރެވުނީ ކަމަށް ޚަބަރުތައް ބުނެ އެވެ. މުރުސީގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ގާހިރާގެ އަލްއިއްތިޙާދިއްޔާ ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖެހުމަށް މުރުސީ އަމުރުކުރެއްވި ކަމަށްބުނެ އުފުލާފައިވާ ދައުވާއެކެވެ. އެ މުޒާހަރާގައި 6 މީހަކު މަރުވެފައިވާ އިރު އެއީ އޭރުގެ މިސްރުގެ އިދިކޮޅު ފަރާތްތަކުން ރާވައިގެން ސަލާމަތީ ބާރުތަކުން ހިންގި ޢަމަލެއް ކަމަށް މުރުސީގެ އިޚްވާން ޖަމާއަތުން ބުނެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު މުރުސީ ވެރިކަމުން ދުރުކޮށް އޭނާ ހައްޔަރު ކުރި ފަހުން މުރުސީ އާންމުންނަށް ފެނިފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ މިމައްސަލާގައި އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރި ފަހަރު އެވެ. މޫރްސީގެ ސަޕޯޓަރުންނާއި އޭނާ ނިސްބަތްވާ އިޚްވާން ޖަމާއަތުން ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިފަކޮށް އޭނާ މިނިވަންކޮށް ވެރިކަން އަލުން ޙަވާލުކުރަންދެން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ދީފަ އެވެ.

މިސްރުގެ ކަންކޮޅުތަކުގައި އިއްޔެވެސް އެތައް ހާސްބަޔަކު މުރުސީ އަށް ތާއީދުކޮށް އޭނާ މިނިވަންކުރުމަށާއި އިންގިލާބީވެރިން ޢަދާލަތަށް ހާޒިރު ކުރުމަށް ގޮވާލައި މުޒާހަރާތައް ކޮށްފައިވެ އެވެ. މިމުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާއި މުރުސީގެ ސަޕޯޓަރުންނާދެމެދު ކުރިމަތިލުންތައް ހިނގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. (އަލްޖަޒީރާ)