08 Jan 2014, 23:58
މުޅިގައުމު އަދިވެސް އޮތީ ހުއްޓިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫގައި މިރޭ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫއަށް ބަލާލާއިރު ފެނިގެންދަނީ ނަރުދަމާއި މަގުހެދުން ފަދަ މަސައްކަތްތައް ހުއްޓިފައިވާ މަންޒަރު ކަމަށެވެ.
"މިއަދު އަޅުގަނޑު މި ސިޓީއަށް އައިސް ބަލާލާއިރު ބަނދަރުތައް ހުރީ ހުއްޓިފަ. ނަރުދަމާގެ މަސައްކަތް ހުރީ ހުއްޓިފައި. މަގުތަކުގެ މަސައްކަތް ހުރީ ހުއްޓިފައި. ހެލްތު ސެންޓަރުތަކުގެ މަސައްކަތް ހުރީ ހުއްޓުފައި. މަދަރުސާތަކުގެ މަސައްކަތް ހުރީ ހުއްޓިފައި. މުޅި ގައުމު އަދިވެސް އޮތީ ހުއްޓިފައި،" ނަޝީދު ވިދާޅުވި އެވެ.
އިންތިޚާބީ ސާރުކާރެއް އައުމުން ތަރައްގީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ހީފުޅު ކުރެއްވި ކަމަށާއި ނަމަވެސް ކަންތައްވަމުންދާގޮތަށް ބަލާއިރު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް ގަބޫލުފުޅުނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަޒީރުންގެ މަޖިލީސް އޮތީ އެކި މީހުންނަށް ބަހާލެވިފައި ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ކަންކަން ހުރުމަކީ ސަރުކާރެއް ނެތުން ކަމަށާއި ނެތް ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ.
"މި ދިވެހި ދައުލަތުގެ ވަޒީރުންގެ މަޖިލީސްއެއް ނެތް. ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހެއް ނެތް. ސަރުކާރެއް ނެތް. ނެތް ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ތަރައްގީއެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީއަށް އެއްވެސްކަމެއް ކުރުމަކީ ރައީސް ޔާމީންގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވާއިރު މި ސަރުކާރުން ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް އިއުލާކޮށްފަ އެވެ. އެގޮތުން އައިޖީއެމްއެޗަށް ވުރެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް ދާދިފަހުން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
ހުޅުލެއާއި މާލެއާ ދެމެދު ބްރިޖެއް އެޅުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
މީގެއިތުރުން ޅ. ފެލިވަރުގައި އެއާޕޯޓެއް އެޅުމަށް ޝައުގިވެވެރިވާ ފަރާތެއް ހޯދުމަށް ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.