މީހުން ޓްރެފިކް ކުރުންފަދަ ބޮޑެތި ކުށްތައް ދުނިޔޭގެ ކަންކޮޅުތަކުގައި ހުއްޓުވޭނީ އެފަދަ ކުށްތައް ކުރާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އެމެރިކާގެ އޮފީސް ޓު މޮނިޓާ އެންޑް ކޮމްބަޓް، ޓްރެފިކިން އިން ޕާސަންސްގެ ޕްރިންސިޕަލް ޑެޕިއުޓީ ނޭން ކެނެލީ ވިދާޅުވެއްޖެ އެވެ.

ކެނެލީ އެހެން ވިދާޅުވީ، ހިއުމަން ޓްރެފިކިން ނުވަތަ މީހުން ޓްރެފިކް ކުރުމާއި މީހުން ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ގައުމުތަކަށް އެހީތެރިވުމުގެ ގޮތުންނާއި އަދި އެފަދަ ކުއްތައް ހިންގަމުން ގެންދާ ގައުމުތައް ދެނެގަނެ އަހަރަކު އެއް ފަހަރު އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް އޮފް މައިގްރޭޝަން (އައިއޯއެމް)އިން ނެރޭ ރިޕޯޓު ތައްޔާރު ކުރުމަށް މައުލޫމާތު އެއްކުރެއްވުމަށް ރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު މިރޭ އިރާކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް މިއަދު ކުރެއްވި ޒިޔާރަތަކީ ސަރުކާރާއި ކަމާގުޅޭ އެކިއެކި ދާއިރާތަކާ ބައްދަލުކޮށް މީހުން ޓްރެފިކް ކުރުމުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށް އެފަދަ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުމަށް ކުރެވެން ކަންތައްތައް ދެނެގަތުން ކަމަށެވެ. އަދި މި ދަތުރު ވަރަށް ކާމިޔާބު ކަމަށް ވެސް ކެނެލީ ވިދާޅުވި އެވެ.

"މިއަދު އެކި ފަރާތްތަކާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކުން ވަރަށް ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެވިފައި. ސަރުކާރުގެ ފަރާތުން މިކަމުގައި ވަރަށްބޮޑު އެއްބާރުލުމެއް ލިބުނު،" ކެނެލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ޓްރެފިކް ކުރުމާއި މީހުންގެ ވަގުވިޔަފާރި ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ފެތުރެމުންދާ މައްސަލައެއް ކަމަށެވެ.

މީހުން ޓްރެފިކް ކުރުމަކީ ބާރުގެ ބޭނުން ކޮށްގެން މީހަކު ލައްވައި މަޖުބޫރީ ހާލަތުގައި ކަންތައްތަކެއް ކުރުވުމެވެ. އޭގެތެރޭގައި ގަދަ ބާރުން މަސައްކަތްކުރުމަށް މީހުން ގެނައުމާއި، މަސައްކަތް ކުރުވުމާއި، ހަށި ވިއްކުމާއި ފާހިޝް އަމަލުތަކުގައި ބައިވެރިވުމަށް މީހަކަށް މަޖުބޫރުކުރުން ފަދަ އަމަލުތައް ހިމެނެ އެވެ.

"ލޭބާ ޓްރެފިކިން ވިކްޓިމްސްގެ ތެރޭގައި ދަނޑުވެރިކަމުގެ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއާއި ގޭތެރޭގެ މަސައްކަތުގަ އާއި އެފަދަ ތަފާތު ދާއިރާތައް ހިމެނޭ،" ކެނެލީ ވިދާޅުވި އެވެ. "މިފަދަ ބޮޑެތި ކުއްތައް ހުއްޓުވޭނޭ ގޮތަކީ ކުއްކުރާ މީހާ ޖަލަށްލުން. ވަރަށް ސާފުކޮށް އެބައެނގޭ މިއީ ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވާ ގާނޫނީ ބޮޑު ކުށެއްކަން،"

ކެނެލީ ވިދާޅުވީ ހިއުމަން ޓްރެފިކިން ވޮޗްލިސްޓްގައި ގައުމެއް ރޭންކު ކުރަނީ، އައިއޯއެމް އިން އެކުލަވައިލާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ ރިޕޯޓުގައި ރާއްޖެ 2014 ވަނަ އަހަރު އޮތީ ކިހާ ހިސާބެއްގައި ކަން އަދި ބުންނަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ރިޕޯޓު ތައްޔާރުކުރަނީ ގާނޫނު ތަންފީޒުކުރާ ދާއިރާތަކާ މަޝްވަރާ ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޕޯޓު އެކުލަވައިލުމުގައި ޝަރުއީ ދާއިރާ އާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ މަޝްވަރާ ހޯދަން. މިއީ މުސްތަގުބަލުގައި އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެއް. އަދި ހަމަ އެހެންމެ ހިއުމަން ޓްރެފިކިންގެ ޝިކާރައަށްވާ މީހުން ދެނެގަތުމުގެ މަސަކަތް ވެސް ހިންގަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުށްކުރާ ފަރާތްތަކާއި އެކަމުގެ ޝިކާރައަށްވާ ފަރާތްތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި އެފަރާތްތައް ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކަށް އެކަމުގެ ތަމްރީނު ހޯދައި ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މީހުން ޓްރެފިކް ކުރުމުގެ ގާނޫނެއް ރާއްޖޭގައި އެކުލަވައިލެވުމަކީ މިކަން ހުއްޓުވުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް. މިކަމުގައި ސަރުކާރާއި އަދި ސިޔާސީ ޕާޓީތަކުން ބޮޑު އެއްބާރުލުމެއް ދީފައިވާކަން ވެސް ފާހަގަކޮށްލަން،" ކެނެލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީހުން ޓްރެފިކް ކުރުމަކީ ބައިނަލްއަގްވާމީ ފެންވަރުގެ ކުށެއް ކަމަށް ވާއިރު މިކަން ތަޖުރިބާ ނުކުރާ ގައުމެއް ދުނިޔޭގެ އެއްވެސް ހިސާބެއްގައި އޮންނާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިފަދަ ކަންކަން ގައުމުތަކުގައި ހުރިކަން ގަބޫލު ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެކަމަކު އެކަންކަން އެނގިހުރެ ހުއްޓުވަން މަސައްކަތް ނުކުރުމަކީ އަހަރެމެން ލަދުގަންނަން ޖެހޭ ކަމަކީ،" ކެނެލީ ވިދާޅުވި އެވެ.

ކެނެލީ އިތުރަށް ވިދާޅުވީ މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް އެމެރިކާއިން ވެދޭ އެހީތަކުގެ ތެރޭގައި އައިއޯއެމް އަށް ފަންޑު ފޯރުކޮށްދިނުމާއި، ރާއްޖޭގެ ސަރުކާރާ ގުޅިގެން ތަފާތު ދާއިރާތަކުން މަސައްކަތް ކުރުމާއި އަދި އދ. ގެ މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކަނޑައަޅާފައިވާ މުއާހަދާތަކާ އެއްގޮތަށް އަމަލު ކުރުމަށް ބާރުއަޅައި ކަމާގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް އެ ކަމަށް ތަމްރީނު ކުރުން ވެސް ހިމެނޭ ކަމަށެވެ.

ސްރީލަންކާގައި ހުންނަވާ އެމެރިކާގެ އޮފީސް ޓު މޮނިޓާ އެންޑް ކޮމްބަޓް، ޓްރެފިކިން އިން ޕާސަންސްގެ ފޮރިން އެފެއާޒް އޮފިސަރު ޗާޑް ސީ. ސަލިޓާން ވިދާޅުވީ އެބޭފުޅުން ރާއްޖޭގައި މިއަދު ބައްދަލުކުރި ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި އެޓާނީ ޖެނެރަލް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް ކޮމިޝަނާ އާއި ކޮންޓްރޯލާ ފޯ އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން އައިއޯއެމް އާއި ޓްރާންސް ޕޭރަންސީ މޯލްޑިވްސް ހިމެނޭ ކަމަށެވެ.