ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށް، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ޒުވާނުންގެ ކުށުގެ ރެކޯޑުތައް ފޮހެލައިފި އެވެ.

ފުލުހުން ބުނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް 564 މައްސަލައެއްގައި ޝާމިލްވާ 1023 ޒުވާނުންގެ ތަހުގީގުތައް ނިންމައި އެޒުވާނުންގެ ކުށުގެ ރެކޯޑްސް މިހާރު ފޮހެލާފައިވާ ކަމަށެވެ.

ކުށުގެ ރެކޯޑްސް ފޮހެލެވިފައިވާ ޒުވާނުން، މި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައި ކުށުގެ މާހައުލު ދޫކޮށް ވަޒީފާއަކަށް ގޮސް ގައުމަށް ފައިދާހުރި މަސައްކަތްކުރާ ޒިންމާދާރު ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ފުލުހުންގެ 100 ދުވަހުގެ މަގުޗާޓުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން 2013 ވަނަ އަހަރުގެ ކުރިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 80 އިންސައްތަ ނިންމުމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ޒުވާނުން ބާރުވެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ކުދިކުދި ކުށްތަކުގައި ޝާމިލްވާ ޒުވާނުންގެ ކުށުގެ ރެކޯޑު ފޮހެލުމަކީ މިސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކުރަންޖެހެނީ ކުށުގެ ރެކޯޑު އޮތުމުގެ ސަބަބުން ވަޒީފާ ލިބުމަށް ޒުވާނުންނަށް ހުރަސްތަކެއް ކުރިމަތިވެ، އޭގެސަބަބުން އެބައި މީހުން ގޯސްމަގުން ދިޔުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.