ގައުމީ ތަރައްގީއަށް ލަބަޔާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތެއް ކޮށްދީފައިވާ އަންހެނުންނަށް ޚާއްސަ އެ ވޯޑެއް ދިނުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އާއިލާއާއި މުޖުތަމައު އަދި ގައުމުގެ ކުރިއެރުމަށް އަންހެނުން އެކި ރޮނގުރޮނގުން ކުރާ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އެކަންކަން ފާހަގަކޮށް އިތުރަށް ކުރިއެރުވުމަކީ ގައުމީގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަންހެނުން ހާސިލްކުރާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމަކީ ގައުމީ ޚިދުމަތަށް ނުކުންނަ އެހެން އަންހެނުންނަށް ދެވޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށާއި އެ އެ ވޯޑު ތައާރަފް ކުރުމުގެ ބޭނުމަކީ އެއީ ކަމަށް ވެސް އެ މިނިސްޓްރީން ބުންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ އަހަރަކު އެއްފަހަރު ކަމަށާއި އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ އެ މިނިސްޓްރީން ކަމަށެވެ.

އެ އިނާމަށް ޝޯޓްލިސްޓު ކުރެވޭނީ އެކަމަށް ކުރާ އިއުލާނަށް އިޖާބަދީ ކުރިމަތިލާ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ހުށަހަޅާ ނަންތައް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.