ވެނެޒުއޭލާގެ ރީތީގެ ރާނީ ކަމުގެ މަގާމު 2004 ވަނަ ހޯދި މޮނިކާ ސްޕިއާ ބަޑި ޖަހާ މަރާލައިފި އެވެ.

ކުރީގެ މިސް ވެނަޒުއޭލާ މޮނިކާ ސްޕިއާ، 29، މަރާލާފައިވަނީ މެކްސިކޯގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ މަގުމަތީގައި، ވެނަޒުއޭލާގެ މައި ޕޯޓު ޕުއޭޓޯ ކަބެލޯ ހައިވޭ ގަ އެވެ. އެ ހާދިސާގައި މޮނިކާގެ ފިރިމީހާ ތޯމަސް ހެންރީ ބެރީ ވެސް ބަޑި ޖަހާ މަރާލާފައިވާއިރު އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅުގެ ފަޔަށްވަނީ ބަޑި ޖަހާފަ އެވެ.

ވެނެޒުއޭލާގެ އިންވެސްޓިގޭޝަން ޕޮލިހުގެ ޑިރެކްޓަރު ޖޯސް ގްރިޖޯރިއޯ ސިއެރަލްޓާ ބުނީ މޮނިކާގެ ދެމަފިރިން މަރާލާފައިވަނީ ދަތުރުކުރަމުންދިޔަ ކާރުގެ ފުރޮޅު ފަޅައިގެން ދިއުމުން ހައިވޭގައި މަޑުކޮށްލައިގެން ތިއްބައި ވައްކަން ކުރަން އުޅުނު ބައެއްގެ ބަޑީގެ ހަމަލާއެއްގައި ކަމަށެވެ. އަދި އެމީހުން ދުއްވަމުންދިޔަ ކާރުގެ ފުރޮޅު ފަޅާލާފައިވަނީ ވައްކަންކުރަން އުޅުނު މީހުން ރާވައިގެން ކަމަށް ބެލެވޭ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.

އެ ހަމަލާގައި ތުހުމަތު ކުރެވޭ ފަސް މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަމަށް ވެނެޒުއޭލާގެ އިންޓީރިއާ މިނިސްޓަރު މިގުއެލް ރޮޑްރިގޭޒް އާއި ހަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައިވެ އެވެ.

އެ ހަމަލާގައި ޒަހަމުވި މޮނިކާގެ އަންހެން ދަރިފުޅު މިހާރު ފަރުވާއަށް ފަހު ކަރަކަސްގައި ދިރިއުޅޭ އޭނާގެ އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.