މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލޭ ރާޅުގަނޑު ސަރަހައްދުގެ ފަރަށް އަރައިގެން، ޖޫރިމަނާކުރި، ސިލްވާ ކޮމްޕެނީގެ ކާގޯ ބޯޓު "އޮގަސްޓޯ ޝައުލްޓް"ގެ ޖޫރިމަނާ ހަތް ލައްކަ ޑޮލަރަށް ކުޑަކުރުމަށް ސަރުކާރުން އެއްބަސްވުމުން އެ ފައިސާ އެ ބޯޓުން ދައްކައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ދަ ސިލްވާ ކޮމްޕެނީގެ "އޮގަސްޓޯ ޝައުލްޓް" ނަމަކަށް ކިޔާ އެ ބޯޓު ފަރަށް އެރުމާއި ގުޅިގެން އެ ފަރަށް ލިބިފައިވާ ގެއްލުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެސެސް ކުރުމަށް ފަހު އޭރު 4.06 މިލިއަން ޑޮލަރު (62.73 މިލިއަން ރުފިޔާ) ދެއްކުމަށް އެ ބޯޓަށް އެންގި ކަމަށެވެ.

ނާފިޒު ވިދާޅުވީ އެ އަދަދު ދެއްކުމަށް އެ ބޯޓުން އިންކާރުކޮށް މިނިވަން ކުންފުންޏަކުން އެފަރަށް ލިބުނު ގެއްލުން ބެލުމަށް އެދުމުން ސަރުކާރުން އެކަމަށް އެއްބަސްވި ކަމަށެވެ. އަދި އެމެރިކާގެ މިނިވަން ކުންފުންޏަކުން އެ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު ހުށަހެޅި ރިޕޯޓުން ފަރަށް ލިބިފައިވަނީ ގާތްގަނޑަކަށް 70000 ޑޮލަރުގެ ގެއްލުން ކަމަށް ބުނި ކަމަށާއި ނަމަވެސް އެއަދަށް އީޕީއޭއިން އެއްބަސްނުވި ކަމަށެވެ.

ނާފިޒު ވިދާޅުވީ އެ ހިޔާލު ތަފާތުވުންތަކާއި އެކު އެ ބޯޓުން އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރަށް ހުށަހެޅުމުން ސަރުކާރުގެ ގާނޫނީ ބޭފުޅުންނާއި އެއްކޮށް ކުރެވުނު މަޝްވަރާތަކަށްފަހު ދެ ފަރާތުން އެއްބަސްވެވޭ އަދަދެއް ދެއްކުމަށް ނިންމީ ކަމަށެވެ.

"އެ މައްސަލަ ނިންމަންޖެހޭނީ ކޯޓުން ދެން. އެކަމަކު ކޯޓުން އެ މައްސަލަ ނިންމައިފިނަމަ އެކަން ސަރުކާރަށް ކާމިޔާބު ވުމުގެ އޮތީ 50-50. އެހެން ވެގެން ސަރުކާރުގެ މުއައްސަސާތަކާއި ގާނޫނީ ބޭފުޅުންނާއި އެއްކޮށް އެ ބޯޓުގެ ވެރިފަރާތާއި އެކުގައި ކުރި މަޝްވަރާތަކަށްފަހު ބޭންކު ގެރެންޓީ ދީފައި އޮތީ އެއްއަހަރުގެ ދުވަހަށް ކަމުން އެކަމަށް ގޮތެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ނިންމާފައި،" ނާފިޒު ވިދާޅުވި އެވެ.

ދިގުމިނުގައި 210 މީޓަރު، ފުޅާމިނުގައި 30 މީޓަރު ހުންނަ އެ ކާގޯ ބޯޓުގެ ދިރުނބާކޮޅު ފަރަށް އެރީ ގާދޫކޮލުން ވަދެގެން ހުޅުލެއާއި މާލެއާ ދެމެދު ކަނޑަށް ވަނުމަށްފަހު އަނބުރާލަން އުޅުމުގެ ތެރޭގަ އެވެ. ލައިބީރިޔާގައި ރަޖިސްޓްރީކޮށްފައިވާ 27000 ޓަނުގެ "އޮގަސްޓޯ ޝައުލްޓް" ނަމަކަށް ކިޔާ އެ ބޯޓަކީ ދަ ސިލްވާ ލައިން އިން އެޖެންޓުކަން ކުރާ ޑެލްމާސް ޝިޕިން ކުންފުނީގެ ދަށުން ރާއްޖެ އައި ބޯޓެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު އޮގަސްޓޯ ޝައުލްޓް ފަރަށް އެރުމާއި ގުޅިގެން އެ ބޯޓު ވަނީ އީޕީއޭ އިން އެދުނު ވަރަށް ފައިސާ ނުދައްކައިގެން ހަތަރު ދުވަސްވަންދެން ރާއްޖޭގައި ހިފަހައްޓާފަ އެވެ. ނަމަވެސް އެ ބޯޓު ފުރުމުގެ ހުއްދަ ދިނީ ބޭންކް ގެރެންޓީއެއް ސަރުކާރަށް ނެގުމަށް ފަހު އެވެ.