12 Dec 2010, 12:41
ސްރީލަންކަން އެއާ ލައިންސްގެ ވަގު އީ- ޓިކެޓްތަކެއް ބަޔަކަށް ވިއްކި މައްސަލައިގެ ތުހުމަތުގައި ދިވެއްސަކު އަތުލައިގަތުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ގެލެކްސީ އެންޓާ ޕްރައިސަސް އިން ބުނެފި އެވެ.
ގެލެކްސީ އެންޓާ ޕްރައިސަސްގެ ހެޑް އޮފް ޕެސެންޖާ ސާވިސް މުހައްމަދު ލަތީފު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެމީހާ އަތުލައިގެންފައި ވަނީ، ސްރީލަންކާގެ ކޮޅުބަށް ދިއުމަށްޓަކައި މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ 11 ދިވެހިނަށް ނުފުރިގެން އެމީހުން ގޮސް ގެލެކްސީ އޮފީހުގައި އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށް، އެ ޓިކެޓްތައް ވިއްކި މީހާ އެތަނަށް ގޮސް އެ މީހުންނަށް ވަންވޭ ޓިކެޓް އިޝޫކޮށްދިނުމުގެ މަސައްކަތް ކުރުމުން ދަނިކޮށް ކަމަށެވެ.
"މައްސަލަ ދިމާވުމުން އެމީހާ ގެލެކްސީ އަށް އައީ ހުރިހާ އެންމެންނަށް ވަންވޭ ޓިކެޓް އިޝޫކުރުމަށް. އެހެންނަމަވެސް ދެކޮޅު ޓިކެޓް ވެސް ނަގާފައި ހުރި. އެހެންވެ އެމީހާ އަތުލައިގަނެވުނީ. ފުލުހުން ވެސް އެ މައްސަލަ ބަލަމުންދަނިކޮށް، އެކަންތައްތައް ހިނގީ،" ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ އެރޭ އެމީހާގެ އަތުން 22،115 ރުފިޔާ އަދި ޗެކަކުން ލިބުނު 5،253 ރުފިޔާ އިން އެ 11 މީހުންނަށް ޓިކެޓް ނެގުމަށް ފަހު އެމީހުން ފޮނުވާލާފައިވާ ކަމަށެވެ. އަދި ހަމަ އެރޭ އެ މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްރީލަންކަން އެއާލައިންސްގެ ވަގު އީ ޓިކެޓްތަކެއް އިޝޫކުރަމުންދާ މައްސަލަ ފެންމަތިވީ އެ 11 މީހުން އެއާޕޯޓަށް ފުރަން ދިޔަ ހިސާބުން ކަމަށް ލަތީފު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިހާތަނަށް އެފަދަ 30 ޓިކެޓެއްގެ މައްސަލަ ފަޅާއަރާފައިވާ ކަމަށެވެ.
ލަތީފު ވިދާޅުވީ އިއްޔެ ވެސް 17 މީހެއްގެ ނަމުގައި އީޝޫކޮށްފައިވާ ޓިކެޓްތަކެއްގެ ސީޓް ރިޒަވޭޝަން ހަދަން މީހަކު ގެލެކްސީ އެންޓަޕްރައިސަސް އަށް ދިޔަ ކަމަށާއި އެ ޓިކެޓްތަކަކީ ވެސް ވަގު ޓިކެޓްތަކެއްކަން އެނގުނީ ރިޒަވޭޝަން ހަދާފައި ނެތުމުން ކަމަށެވެ.
ނަމަވެސް އަދި އަނެއް 17 މީހުން ފުރާ ދުވަސް ދިމާނުވެގެން ފުރާފައިނުވާ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
"ޓިކެޓްތަކުގައިވާ ނަންބަރުތައް ސިސްޓަމްގައި ހުންނަ ނަމްބަރުތަކާ ދިމާވޭތޯ ބަލާއިރު ސިސްޓަމްގައި އެ ނަމްބަރުގައި އިޝޫކޮށްފައި ހުންނަ ޓިކެޓްތަކުގައި އިންނަނީ އެހެން މީހެއްގެ ނަމެއް. އެހެން ކަމުން މިޓިކެޓްތަކަކީ އިންޓަނެޓްގެ ޒަރީއާއިން ބަޔަކު ޓިކެޓްގައި ހިމެނޭ މައުލޫމާތުތައް ބަދަލުކުރުމަށް ފަހު އިޝޫކޮށްފައިވާ ޓިކެޓްތަކެއް ކަމަށް ބެލެވޭ." ލަތީފު ވިދާޅުވި އެވެ.
ސްރީލަންކަން އެއާލައިންސްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް ސޭލް އެޖެންޓް ކަމުގައިވާ ގެލެކްސީ އެންޓަޕްރައިސަސް އިން ބުނީ އެ ކުންފުނީގެ ފަރާތުން ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ވިއްކުމަށް އިތުރު ފަސް އެޖެންޓުން ކަނޑައާޅާފައިވާ ކަމަށެވެ.
އެ އެޖެންޓުންނަކީ އޭޝް ޓްރެވަލްސް އާއި ފްލައިބައި އާއި ކްލެސިކް ޓެރެވަލް އާއި ގޯ މޯލްޑިވްސް އާއި އީ ޓްރެވަލްސް އަދި ސްކައި ޓުވާސްގެ އިތުރު ގެލެސްކީގެ ސ. ހިތަދޫގައި ހުންނަ އޮފީހާއި މާލޭގެ އޮފީސް ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ. ވީމާ އެޖެންޓުން މެދުވެރިކޮށް ނޫނީ ޓިކެޓް ނުގަތުމަށް ވެސް ގެލެކްސީން އިލްތިމާސްކުރެ އެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓާ ސަބް އިންޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އީ ޓިކެޓްގެ އެފަދަ މައްސަލައެއް ގެލެކްސީން ހުށަހެޅުމާ ގުޅިގެން މިހާރު ތަހްޤީޤް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ގެލެކްސީން އެމީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅެއްނުވި އެވެ.