08 Jan 2014, 15:53
މައްސަލަތައް ބަލައި ނުގަތުމަށާއި ޝަރީއަތް ކުރުން ހުއްޓާލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައްސަލަތައް ބަލައިނުގަތުމަށާއި ޝަރީއަތް ކުރުން ހުއްޓާލަން ނިންމިކަން ކްރިމިނަލް ކޯޓުން ލިޔުމުން އަންގާފައިނުވާ ކަމަށާއި އެ ލިޔުން ހޯދުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
"ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމެއް އަޅުގަނޑުމެންނަކަށް ލިޔުމަކުންނެއް ނުއެއް ލިބޭ. އަޅުގަނޑުމެންވާނީ ލިޔުމަކުން އެ ނިންމުން ހޯދުމަށް ކްރިމިނަލް ކޯޓުގައި ދަންނަވާލާފައި،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން ލިޔުން ލިބުނުހާއަވަހަކަށް އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާކަމަށެވެ. ނަމަވެސް 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވިއްޖެނަމަ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލަށް ޕީޖީގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ޕްރޮސެކިއުޓާ ޖެނެރަލް އިސްތިއުފާ ދެއްވައިފިއްޔާ ނުވަތަ މަގާމް އަދާނުކުރެވޭ ގޮތެއް ދިމާވެއްޖެއްޔާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލަށް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނީ ގިނަވެގެން 30 ދުވަހަށޭ ކިޔާ މާއްދާއެއް މިގާނޫނަކުން އަޅުގަނޑުމެންނަކަށް ނުފެނުނު،" ޝަމީމް ވިދާޅުވި އެވެ.
މައްސަލަތައް ބަލައިނުގަތުމަށާއި ޝަރީއަތް ކުރުން ހުއްޓާލުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ އިތުރުން ހައިކޯޓުން އެގޮތަށް ނިންމާފައެއް ނުވެއެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި ޝަރީއަތް ކުރުން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޒިންމާ އަދާނުކުރުމުގެ ސަބަބުން ގާނޫނު ބުނާ މުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވިއްޖެ ހާލަތެއްގައި ދެން އަމަލުކުރާނެ ގޮތެއް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.
ކޯޓަށް ހުށަހެޅޭ ކުޑަކުދީންގެ މައްސަލަތައް އަވަހަށް ނިންމުމަކީ ދައުލަތުގެ މައްޗަށް ގާނޫނު ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.