08 Jan 2014, 15:53
ޅ. ފެލިވަރުގައި އެއާޕޯޓެއް ހެދުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ފެލިވަރުގައި އެއާޕޯޓެއް ހެދުމަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ބިޑް ހުށައަޅާ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ ފެލިވަރުގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓަކީ 1800 އަކަފޫޓުގެ ރަންވޭއަކާއެކު ހަދާ އެއާޕޯޓެއް ކަމަށެވެ. އަދި އެއެއާޕޯޓް ތަރައްގީކުރަނީ ޖެޓް ތަކަށް ޖެއްސޭގޮތަށް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ފެލިވަރުގައި އެ އެއާޕޯޓް ހަދާ ކުންފުއްޏަކަށް ރިސޯޓް ހިންގުމަށްޓަކައި ޅ. މަޑިވަރު ލިބިގެންދާނެ ކަމަށެވެ. އަދި އެމަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހދ. ކުޅުއްފުށީގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެރަށުގައި އެއާޕޯޓްހެދުމަށް ކުރަންޖެހޭ ދިރާސާތައް ކުރާ ފަރާތްތަކުން މާދަމާ އެރަށަށް ގޮސް ދިރާސާތައް ކުރުމަށް ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ "ވަރަށް ބާރަށް އެކަންކަން ކުރިއަށް އެބަދޭ، މިމަހުގެ 21،22 ހިސާބުގައި ތަފްސީލް ލިބޭނެ" ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައިއެންއައިއޭ ގެ އިންޓަނޭޝަނަލް އޭޕުރަންގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތާއި އެއާޕޯޓްގެ ރަންވޭގެ ޖާގަ ބޮޑުކުރުމަށްޓަކައި ހޯލްޑިން ބޭއެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.