08 Jan 2014, 14:50
މިދިޔަ އަހަރުގެ އޯގަސްޓް މަހުގައި އިއުލާން ކުރި ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅި ފަރާތްތަކަށް ލޯން އެވޯޑް ކުރާނީ އޭސީސީން ފޮނުވާފައިވާ ރިކޮމެންޑޭޝަންތައް ދިރާސާކުރުމަށް ފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅި ފަރާތްތަކަށް އަލުން ޕޮއިންޓް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގެވުމާއި ގުޅިގެންނެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ޓާޝަރީ ލޯން ސްކީމަށް ހޮވުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލާގައި އެ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު މިނިސްޓްރީ އަށް ރިކޮމެންޑޭޝަންތަކެއް ފޮނުވާފައިވާ ކަމަށެވެ.
"ޓާޝަރީ ލޯން ސްކީމަށް ހޮވުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް އޭސީސީން ފާހަގަ ކުރައްވާ. އަދި އޭސީސީން ވަނީ ރިކޮމެންޑޭޝަންތަކެއް ފޮނުވާފައި. އަޅުގަނޑުމެން މިހާރު މިދަނީ އޭސީސީން ފޮނުވި ރިކޮމެންޑޭޝަންތައް ދިރާސާ ކުރަމުން. އެހެން ވީމާ ލޯން އެވޯޑް ކުރާނީ އޭސީސީން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތައް ދިރާސާކުރުމަށް ފަހު،" އަޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭސީސީން ފޮނުވާފައިވާ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ލޯނަށް އެދި ހުށަހެޅި ހުރިހާ ފަރާތްތައް އަލުން ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި މާދަމާ އެ މަސައްކަތް އެކޮށް ނިންމާލެވޭނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ޓާޝަރީ ލޯން ސްކީމް އަށް ހޮވުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ނިމިދިޔަ ސަރުކާރުގައި ކަމަށާއި އޭނާ ހަވާލުވި އިރު ހުރިހާ ކަމެއް ވަނީ ނިމިފައި ކަމަށެވެ.
ޓާޝަރީ ލޯން ސްކީމްގެ މައްސަލަ އޭސީސީން ދިރާސާކޮށް އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯން އެހީ ލިބޭ ދަރިވަރުންގެ ލިސްޓު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން އާންމުކުރި އިރު އެކި ދަރިވަރުންނަށް އެކޯސްތަކަށް މާކްސްދީފައި ހުރީ، މާކްސް ދިނުމަށް ކަނޑައަޅާފައިވާ ކްރެއިޓީރިއާއާ ހިލާފަށް ކަމަށެވެ. އަދި މާކްސް ދިނުމުގައި ކްރެއިޓީރިއާ ހިލާފުވި ތިން ކަމެއް ވެސް އެންޓި ކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވަ އެވެ.
މިދިޔަ އޯގަސްޓް މަހު ހުޅުވާލި 80 މިލިޔަން ރުފިޔާގެ ޓާޝަރީ ލޯން ސްކީމަށް 1351 ކުއްޖަކު ކުރިމަތިލާފައިވާ އިރު، ލޯން ލިބިފައިވަނީ 250 ކުދިންނަށެވެ. މީގެ ތެރެއިން 614 ދަރިވަރުން ވަނީ ރާއްޖެ އިން ބޭރުގައި ކިޔެވުމަށް ލޯނަށް އެދިފަ އެވެ.