08 Jan 2014, 14:30
ސްޕެއިންގެ ރަސްގެފާނު، ހުއާން ކާލޯސްގެ ހަގު ދަރިކަނބަލުން ޕްރިންސަސް ކްރިސްޓީނާގެ މައްޗަށް ފައިސާގެ ވަގު ވިޔަފާރި އާއި ޓެކުހަށް މަކަރު ހެދުމާއި އަދިވެސް އޮޅުވާލުމުގެ ތަފާތު މައްސަލަތަކެއްގެ ދައުވާ އުފުލައިފި ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.
ދިގު ދެމިގެން ދިޔަ ތަހުގީގު ތަކަކަށް ފަހު 200 ސަފްހާގެ އަމުރު އިއްވަމުން ޕަލްމާ ޑި މަޔޯކާގެ މެޖިސްޓްރޭޓް ހޯޒޭ ކާސްޓްރޯ ވިދާޅުވީ އުމުރުން 48 އަހަރުގެ ކްރިސްޓީނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކިތައް އެބަހުރި ކަމަށެވެ.
މީގެ ކުރިން ސްޕެއިންގެ ޝާހީ ހާންދާނުގެ މައްސަލައެއްގެ ޝަރީއަތް ގެންގޮސްފައި ނުވާ ގޮތަކަށް ކްރިސްޓީނާގެ ޝަރީއަތް ގެންދިއުމަށް މަގުފަހި ކުރުމަށް ޓަކައި އޭނާ ވަނީ މާޗް މަހުގެ އަށް ވަނަ ދުވަހު ކްރިސްޓީނާ ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ވެސް ގޮވައިލައްވާފަ އެވެ.
ޕްރިންސަސް ކްރިސްޓީނާގެ ޑިފެންސް ލޯޔަރު މިގުއެލް ރޮޗާ ވިދާޅުވީ ކްރިސްޓީނާ ކޯޓަށް ހާޒިރު ކުރެއްވުމަށް ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާނެ ކަމަށާއި "އެކަމަނާގެ ކުށެއް ނެތްކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް" ކަމަށެވެ.
ކްރިސްޓީނާގެ ފިރިކަލުން އަދި ކުރީގެ އޮލިމްޕިކް ހޭންޑްބޯލް ޕްލޭޔާ އިނާކީ އުރުދަންގާރިންގެ މައްޗަށް ވެސް މީގެ ކުރިން ވަނީ، ޓެކުހަށް އޮޅުވާލުމާއި ވަގު ޑޮކިއުމެންޓުތައް ހެދުމާއި އޭނާގެ ޗެރިޓީ ފައުންޑޭޝަނަކުން ހުޅުވި ފަންޑަކަށް ލިބުނު ހަ މިލިޔަން ޔޫރޯއަށް ހިޔާނާތްތެރި ވުމުގެ މައްސަލައިގައި ދައުވާ ކޮށްފަ އެވެ.
ސްޕެއިން އިގްތިސާދީ ގޮތުން ދަތި ދުވަސްތަކެއް ތަހައްމަލު ކުރަމުންދާ އިރު މި މައްސަލަތަކަކީ އެގައުމުގައި ކުރިއަށް ގެންދާ އެންމެ ބޮޑެތި ކޮރަޕްޝަން މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލަތައް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި މީގެ ސަބަބުން ޝާހީ ހާންދާނުގެ މަގުބޫލުކަން އާންމުންގެ ތެރޭގައި އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށް ވެސްވެ އެވެ.
ސްޕެއިންގެ ނޫހަކުން ޝާއިއުކުރި ޕޯލް އަކުން ދައްކާ ގޮތުގައި އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ ރަސްކަމުގައި 38 އަހަރު ހޭދަކުރަށްވާފައިވާ ރަސްގެފާނު ކުއާން ކާލޯސް ވަނީ، އޭނާގެ ވާޖިބުތައް އަދާކުރެއްވުމުގައި ފެއިލްވެވަޑައިގެންފަ އެވެ. އަދި އެ ބައި މީހުން ބޭނުން ވަނީ ރަސްގެފާނު އިސްތިއުފާ ދެއްވައި އެ މަގާމް އޭނާގެ ދަރިކަލުން ޕްރިންސް ފިލިޕޭއާ ހަވާލު ކުރެއްވުމަށެވެ.
ތަހްގީގުތައް ކުރިއަށް ދާތީ، ޕްރިންސަސް ކްރިސްޓީނާ އާއި އެކަމަނާގެ ފިރިކަލުން އުރުދަންގާރިން އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުން އެއްކޮށް ހުއްޓަވާލައްވާފަ އެވެ. އަދި ކްރިސްޓީނާ ވަނީ، އެ ދެމަފިރި ކަނބަލުންގެ ހަތަރު ދަރިން ގޮވައިގެން ކުރިން އެކަމަނާ ސްޕެނިޝް ޗެރިޓީ ބޭންކުގެ މަސައްކަތްޕުޅު ކުރެއްވި ޖެނީވާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފަ އެވެ.
ޕްރިންސަސް ކްރިސްޓީގެ މައްޗަށް ދައުވާ އުފުލި ވަކީލަށް އެކަމުގައި އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވީ، އެމައްސަލަ ބެއްލެވި އެންޓި ކޮރަޕްޝަން ޕްރޮސެކިއުޓާ މައްސަލަ ބެއްލެވުމަށް ފަހު އެކަމަނާގެ މައްޗަށް ކުށެއް ސާބިތު ކުރެވޭވަރުގެ ހެކި ނެތްކަމަށް ވިދާޅުވުމުންނެވެ.
އެހެން ނަމަވެސް ސްޕެއިންގެ ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން އެކްޓިވިސްޓް ގްރޫޕްތަކުން އެފަދަ މައްސަލަތައް ބަލައިދިނުމަށް ޕްރޮސެކިއުޓަރުންނާއި ޖަޖުންގެ މައްޗަށް ބާރުއެޅޭނެ އެވެ. އެގޮތުން އެންޓި ކޮރަޕްޝަން ގްރޫޕެއް ކަމަށްވާ "ކްލީން ހޭންޑް" އިން ވަނީ ޕަބްލިކް ޕްރޮސެކިއުޓާގެ ނިންމުމާ ދެކޮޅުހަދައި، ޕްރިންސަސް ކްރިސްޓީނާގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެދި "ޕީޕަލްސް އެކިއުޒޭޝަން"ގެ ގޮތުގައި އެ މައްސަލަ ހުށަހަޅައިފަ އެވެ.