08 Jan 2014, 14:22
މާލެއިން ފުރައިގެން ލ. ދަނބިދު އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އެ ރަށު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މާލެއިން ފުރައިގެން ލ. ދަނބިދު އަށް ދަތުރުކުރަމުން ދަނިކޮށް އެ ރަށު ފަރަށް އަރާފައި ވަނީ ލ. ގަމަށް ނިސްބަތްވާ "މަގްސަދު" ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ފަރަށް އެރުމާ ގުޅިގެން އޭގައި ތިބި ކުޑަކުދިންނާއި އަންހެނުން ދަނބިދޫ ދޯންޏެއްގެ އެހީތެރިކަމުގައި އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދޯނި ފަރަށް އެރި އިރު ދޯނީގައި ހުރި ދަނބިދޫ ކައުންސިލަރަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި "މަގްސަދު" ފަރަށް އެރި އިރު އެ ދޯނީގައި ފަސް ކުޑަކުދިންނާއި ހަ އަންހެނުންނާ އެކު 50 މީހުން ތިއްބެ އެވެ.
އޭނާ ބުނީ ސިމެންތި އާއި ކާޑުގެ ބާވަތްތަކާއި ފިހާރައަށް ބޭނުންވާ ސާމާނު ބަރުކޮށްގެން ދަނބިދު އަށް ދިޔަ އެ ދޯނި ފަރަށް އެރީ ނެރު ކަމަށްހީކޮށް އެހެން ދިމާލަކުން ވަންނަން މަސައްކަތް ކުރުމުން ކަމަށާއި ދިޔަވަރު ހިކިކަމުން މިއަދު ހެނދުނު ފަރަށް އެރި އެ ދޯނި އަދި ވެސް ފުން ނުކުރެވޭ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މަގްސަދު ދޯނި މިއަދު ހެނދުނު 7:00 ޖެހި އިރު ފަރަށް އެރުމާ އެކުގައި ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދޯނީގައި ގިނަ އަދަދެއްގެ މުދާ ހުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސެއިލަރުންނާއި ޑައިވަރުންގެ އިތުރުން ސެންޓްރަލް އޭރިއާ ހެޑްކްއޯޓާޒްގައި މަސައްކަތްކުރާ ސިފައިންނާ އެކު އެ ދޯނި ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.