"ސޭވް 50 މިލިއަން 2014" އަދި "ސާފު އެސްޓީއޯ"ގެ ނަމުގައި އެސްޓީއޯ އިން ދެ ކެމްޕޭނެއް މިއަދު ފައްޓައިފި އެވެ.


އެސްޓީއޯ ހެޑް އޮފީސް ހުންނަ، ބޮޑުތަކުރުފާނުމަގުގައި އެ ދެ ކެމްޕެއިން އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ އެ ދެ ކެމްޕެއިންގެ އަމާޒަކީ އެސްޓީއޯއަކީ ސާފު ތާހިރު ތަނަކަށް ހެދުން ކަމަށާއި އަދި ދިވެހި ރާއްޖޭގެ ޒުވާނުން ގުޅިގެން ރާއްޖޭގެ އިކޮނަމީ ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި އެ ކެމްޕެއިންއަކީ އޭގެ ސަބަބުން މަސައްކަތް ކުރާ މާހައުލަކީ ސާފުތާހިރު މާހައުލަކަށް ހަދައި "ސްޓާފުން މަސައްކަތްކޮށްފައި ގެޔަށްދާ އިރު އަތުގައި ހުންނަ ހިރަފުސް ފިލައި ދާނެ" ކެމްޕެއިނެއް ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރާ ހުރިހާ މުއައްޒިފުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް ވެސް އެ ކެމްޕެއިންގެ ދަށުން ބާރުއަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މުޅި ހަޔާތުގައި ވެސް ދިވެހި ރާއްޖޭގެ އިކޮނަމީ މިވަރުގެ "އަނދަވަޅަކަށް ވެއްޓިފައިވާ" ތަން ދެކިވަޑައިގެންފައި ނުވާ ކަމަށާ އިކޮނަމީ އަލުން ރަނގަޅު ކުރުމަކީ ވެސް އެ ދެ ކެމްޕެއިންގެ އަމާޒެއް ކަމަށެވެ.

"އަޅުގަނޑުގެ އުމުރުން މިވީހާ ދުވަސްވީ އިރު ވެސް އަޅުގަނޑު ދުވަހަކު ވެސް ނުދެކެން ދިވެހި ރާއްޖޭގެ އިކޮނަމީ މިވަރުގެ އަނދަވަޅަކަށް ވެއްޓިފައި ވާތަނެއް،" އެސްޓީއޯގެ އެމްޑީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިކޮނަމީ ރަނގަޅު ކުރުމަށް ޒުވާނުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ޒުވާނުންނަކީ މުހިންމު ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ޒުވާނުންނަކީ ހަރުދަނާ ގާބިލު ބަޔަކަށް ހެދުމަށް އެ ކެމްޕެއިންގެ ދަށުން ބާރުއަޅުއްވާނެ ކަމަށެވެ.