12 Dec 2010, 12:31
މާލިއްޔަތުގެ ޤާނޫނު ތަސްދީގު ކުރުމާ ގުޅިފައިވާ ކަމަށް ރައީސް ވިދާޅުވާ، އިޖްތިމާއީ ރައްކާތެރިކަމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އިޖްތިމާއީ ރައްކާތެރިކަމުގެ ބިލުގެ ބަހުސް މާދަމާ ހެނދުނު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ، މާލިޔައްތުގެ ގާނޫނު ތަސްދީގު ކުރައްވާނީ އިޖުތިމާއި ރައްކާތެރި ކަމުގެ ބިލު މަޖިލީހުން ފާސް ވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށެވެ.
އިންސާނީ ބާރު ނުފޯރާ ހާލަތެއް މެދުވެރި ނުވާ ނަމަ ލަސްކުރުމަކާ ނުލައި މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވެވިތާ ދެ ދުވަސް ފަހުން ރައީސް ވިދާޅުވެފައި ވަނީ، މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމުގެ ސަބަބުން ސަރުކާރު ހިންގުމުގެ އެތައް ކަމަކަށް ބުރޫއަރައިފާނެ ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން ދެކެމުން އަންނަ ކަމަށެވެ.
"އެތައް ކަމަކަށް ބުރޫއަރައި ގޮސްފާނެ ކަމަށް އަޅުގަނޑަށް ގާނޫނީ ލަފާ ލިބިފައިވުމާ އެކު އެ ގާނޫނު ތަސްދީގު ކުރުން އަޅުގަނޑު ލަސްކޮށްފައިވާނެ. ހާއްސަ ގޮތެއްގައި އަޅުގަނޑަށް ފެނުނު ގޮތުގައި އަދި އަޅުގަނޑަށް ލަފާ ލިބުނު ގޮތުގައި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ ކިތަންމެ ޕްރޮގްރާމަކަށް މާލިއްޔަތުގެ ގާނޫނުގެ ސަބަބުން ހުރަސް އަތުވެދާނެ ކަމަށް އަޅުގަނޑަށް ލަފާ ލިބޭތީ ތަސްދީގު ނުކޮށް މަޑުކޮށްފައި އެއޮތީ،" ރައީސް ވިދާޅުވި އެވެ.
މާލިއްޔަތުގެ ޤާނޫނު ތަސްދީގު ކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިދިކޮޅު ޕީއޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން އިއްވެވި ހުކުމުގައި ބުނަނީ "...އިންސާނީ ބާރު ނުފޯރާފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާ ނުލައި އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ރައީސުލް ޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރަންވާނެ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން" ކަމަށެވެ.
ނަމަވެސް ރައީސް ރޭ ވިދާޅުވީ މާލިއްޔަތު ގާނޫނު ތަސްދީގު ކުރެއްވޭނީ އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ބިލް ފާސްވެގެން ކަމަށާއި އެ ބިލް ވާނީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ފޮނުވާފައި ކަމަށެވެ.