08 Jan 2014, 13:51
މިދިޔަ އަހަރު ނިމުނު އިރު 4.2 މިލިއަން ޕްލޭސްޓޭޝަން 4 ކޮންސޯލް ވިކިފައިވާ ކަމަށް ސޮނީ އިން ބުނެފި އެވެ.
މިއީ ޕްލޭސްޓޭޝަނާ އެންމެ ގާތުން ވާދަކުރާ މައިކްރޮސޮފްޓްގެ އެކްސް ބޮކްސް ވަން ކޮންސޯލް އަށް ވުރެ އެއް މިލިއަން ގިނައެވެ. މިދިޔަ އަހަރު ނިމުނު އިރު މައިކްރޮސޮފްޓަށް ވިއްކިފައި ވަނީ 3 މިލިއަން ކޮންސޯލް އެވެ.
ޖަޕާނު ކުންފުންޏެއް ކަމަށްވާ ސޮނީ ކޯޕަރޭޝަނުން މި އަދަދު ހާމަކޮށްފައި ވަނީ މިހާރު އެމެރިކާގެ ލާސް ވޭގަސްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންޒިއުމާ އިލްކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި އިއްޔެއެވެ.
ޕްލޭސްޓޭޝަން 4 އާއި އެކްސް ބޮކްސް ވަން ވިއްކަން ފަށާފައި ވަނީ ދާދި އެއް ދުވަސްވަރެއްގައި، މިދިޔަ ނޮވެމްބަރު މަހުއެވެ. ނަމަވެސް 53 ގައުމެއްގައި މިހާރު ޕްލޭސްޓޭޝަން 4 ލިބެންހުރި އިރު އެކްސް ބޮކްސް ވަން ލިބެން ހުރީ 13 ގައުމެއްގައެވެ. އަދި 500 ޑޮލަރަށް ވިއްކާ އެކްސް ބޮކްސް ވަން ގެ އަގުޕްލޭސްޓޭޝަން 4 އަށްވުރެ 100 ޑޮލަރު ބޮޑުވުން ވެސް އެއީ މައިކްރޮސޮފްޓްގެ މި ގޭމިންގް ކޮންސޯލް ވިކޭލެއް މަދުވުމުގެ އެއް ސަބަބުކަމުގައި ވެދާނެއެވެ.
ސޮނީއިން ވަނީ ޕްލޭސްޓޭޝަން ނައު ކިޔާ ހިދުމަތެއްވެސް އިއްޔެ އިއުލާނު ކޮށްފައެވެ. އިންޓަނެޓް މެދުވެރިކޮށް ވީޑިއޯ ގޭމް ސްޓްރީމް ކުރެވޭ މި ހިދުމަތް ދާދި އަވަހަށް ތައާރަފް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ޕްލޭސްޓޭޝަން ނައު މެދުވެރިކޮށް ލަވަ އާއި ވީޑިއޯ ސްޓީރީމް ކުރާހާ ފަސޭހައިން ގޭމް ވެސް ސްޓީރީމް ކުރެވޭނެ ކަމަށް ވެއެވެ. ސޮނީ އިން ބުނިގޮތުން 2014 ވަނަ އަހަރުގައި އެމެރިކާއަށް ނެރޭ ސޮނީ ބްރާވިއާ ޓީވީތައް މެދުވެރިކޮށް ޕްލޭ ސްޓޭޝަން ނައު ގެ ހިދުމަތް ލިބޭނެއެވެ.