އެންމެ ބޮޑު އަމާޒަކީ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސީ ޕްލޭންގެ ޚިދުމަތް ފަށާ ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ވީހާ ވެސް އަވަހަށް ދިނުން ކަމަށް އައިލެންޑް އޭވިއޭޝަންގެ ޗެއާމަންއަކަށް އިއްޔެ ހަވާލުވި އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.

ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއް މަސައްކަތަކީ ސީ ޕްލޭންގެ ހިދުމަތް ވީހާ ވެސް އަވަހަށް ދިނުމަށް މަސައްކަތް ކުރެއްވުން ކަމަށާއި މިހާރު ވެސް އެކުންފުނިން އެކަމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"ސީ ޕްލޭންގެ ހިދުމަތް ފަށައި ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެއް އަމާޒެއް. ނަމަވެސް އަދި ވަކި މުއްދަތެއް ދައްނަވާކަށް ނޭނގޭ،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ބޯޓްތަކަށް މިހާރު އޯޑަރު ދީފައިވާ ކަމަށާއި އެއާޕޯޓުން ބޭނުންވާ ބިން ވެސް އެކުންފުނިން މިހާރު ހޯދާފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމާއި ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާނެ އިތުރު ބޯޓްތައް ވެސް ހޯދުމަށް އޭނާގެ ޗެއާމަން ކަމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިވަގުތު އަޅުގަނޑު މިދަނީ ކުންފުނީގެ އިސްފަރާތްތަކާއި ވާހަކަ ދައްކައި ކުންފުނި އަންޑަސްޓޭންޑިން ކުރުމުގެ މަސައްކަތް ކުރަމުން،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ކަމާ ހަވާލުވެވަޑައިގަތީ އިއްޔެ އެވެ. ޝަފީއު ވަނީ މިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަމުގެ އިތުރުން ވަގުތީ ގޮތުން ހޯމް މިނިސްޓްރީ ވެސް ހިންގަވާފަ އެވެ. އަދި ކުރީގެ ސަރުކާރުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވެ އެވެ.