ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ފައުންޑޭޝަންގެ ޗެއާމަން ގާސިމް އިބްރާހީމްގެ ޚަރަދުގައި ފ. ނިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލު އަހްމަދު މިއަދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތަށް ފަށާފައި ވަނީ މިހަފްތާގެ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށު އިތުމަތީ ބަނދަރު ކައިރިން 0.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ހިއްކާ ބައި 4.3 ހެކްޓަރަށް ބޮޑުކުރުމަށް ރައްޔިތުން ގާސިމަށް ހުށަހެޅުމުން އެކަން ކޮށްދެއްވުމަށް އެމަނިކުފާނު ނިންމާފައިވާ ކަމަށެވެ.

"ރައްޔިތުން ގާސިމް އިބްރާހީމަށް ހުށަހެޅީ ހިއްކާބައި 4.3 ހެކްޓަރަށް ބޮޑުކުރުމަށް. ގާސިމް މިހާރު ވަނީ ނިންމަވާފަ ރައްޔިތުން އެދުނުގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް،" ޖަލީލް ވިދާޅުވި އެވެ.

އެ ސަރަހައްދުގެ ބިން ހިއްކުމަށް ކައުންސިލުން ފާސްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ނުކުރުމަށް އެރަށު ކޯޓުން އަމުރުކޮށްފައިވާތީ، މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާތީ ކަމަށް ޖަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް ނިމުމާ އެކު އެ ސަރަހައްދުގައި މަސްކެއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.