08 Jan 2014, 12:38
ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭފްއެސީ ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ އެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު އެއްކޮށް ގެއްލޭނެ ކަމަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް މިއަދު ސަން އަށް ވިދާޅުވީ، ޗެލެންޖު ކަޕަށް ތައްޔާރުވުމުގެ މަސަކަތް މިހާރު ވެސް ވަރަށް ބޮޑުތަން ފަސްވެފައިވާއިރު އެ މަސައްކަތް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ ރާއްޖޭގައި މުބާރާތް ނުބާއްވާނެކަމަށް އޭއެފްސީ އިން މިހާރު ވަނީ އެފްއޭ އެމަށް އަންގާފައި ކަމަށެވެ.
"އޭއެފްސީ އިން ވަނީ، އަޅުގަނޑުމެންނަށް އަންގާފައި ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން. އަދި މަސައްކަތް ކުރިއަށްދާ ގޮތުގެ ވީޑިއޯ ވެސް ފޮނުވުމަށް ވަނީ އަންގާފައި،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ، ޗެލެންޖް ކަޕް ބޭއްވުމަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރު ލުމެއް ދެއްވަމުން އެބަ ގެންދަވާ ކަމަށާއި އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ކޮންމެ ވެސް ހިސާބަކުން އެ މަސައްކަތް މަޑުޖެހެމުން އެބަދާ ކަމަށެވެ.
"ރައީސް ޔާމީންގެ އެއްބާރުފުޅު ލެއްވުން އިންތިހާއަށް ލިބޭ. އަދި ޔޫތު މިނިސްޓަރު މަލީހު ވެސް އަޅުގަނޑުމެންނަށް މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވަމުން އެގެންދަވަނީ. ދެން އަޅުގަނޑަކަށް ނުވިސްނޭ ކިހާ ހިސާބަކުން ކަމެއް މަޑުޖެހެމުން މި އަންނަނީ،" އިލްހާމް ވިދާޅުވި އެވެ.
ޗެލެންޖް ކަޕުގެ މެޗުތައް ކުޅުމަށް ހަމަޖައްސާފައިވާ ގަލޮޅު ރަސްމީ ބޯޅަދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނުފެށިއްޖެ ނަމަ އެ މުބާރާތް ފިލިޕީންސްގައި ބާއްވަން އޭއެފްސީގެ ކޮމިޓީން ކުރިން ވަނީ ފާސްކޮށްފަ އެވެ. އަދި ހަމަ އެހެންމެ ފަހުން އޭއެފްސީގެ މަތީފެންވަރުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް ދަނޑުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ހާލަތު ވަނީ މޮނިޓާ ކޮށްފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕް އަންނަ މޭ މަހުގެ 19 އިން 30 އަށް ރާއްޖޭގައި ބޭއްވުމަށްޓަކައި މުބާރާތުގެ ގުރުލުން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެހިފައިވާއިރު އެ މުބާރާތް ރާޖޭގައި ކުޅުމަށް ހަމަޖެހިފައިވާ ދެ ދަނޑު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަދިވެސް ވަނީ ނުފެށި އެވެ.
ދަނޑުތައް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ދެފަހަރެއްގެ މަތިން މިހާރުވެސް ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ދެވަނަ ފަހަރަށް އެ މަސައްކަތް ބިޑް ކުރުމަށް ފަހު ބުނެފައިވަނީ ބިޑް ހުޅުވުން އޮންނާނީ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށެވެ.
ކުޅިވަރާ ބެހޭ ވަޒީރު މީގެ ކުރިން ސަން އަށް ވިދާޅުވެފައި ވަނީ، ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެ މުބާރާތް ބޭއްވުމަށް، ސަރުކާރު ތެރެއިން ކޮށްދެވެން ހުރި ހުރިހައި ކަމެއް ކޮށްދެއްވާނޭ ކަމަށެވެ.