ބްރެޒިލްގައި މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވޯލްޑް ކަޕް 2014 އަށް ޗެމްޕިއަން ސްޕެއިން ތައްޔާރުވަމުން އަންނަ އިރު އެންމެ ބޮޑަށް ޖެހިލުންވާ ކަމަކީ، ކުރިން ލިބިފައިވާ ކަމިޔާބުތަކާ މެދު ކިބުރުވެރިވެ ކުޅުންތެރިން މުބާރާތަށް ދޭންޖެހޭ ސަމާލުކަން ނުދީފާނެތީ ކަމަށް އެޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.

ސްޕެއިންގެ ކުޅިވަރު ނޫހަކަށް ދިން އިންޓަވިއުއެއް ގައި ޑެލް ބޮސްކޭ ބުނީ، ކުރިއަށް އޮތް މުބާރާތަށް ތައްޔާރުވާއިރު މާޒީގައި ލިބިފައި ހުރި ކާމިޔާބުތައް ހަނދާން ނައްތާލައި ހިތްތިރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

"އަހަރެމެން އެބަޖެހޭ މާޒީ ހަނދާނުން ފޮހެލަން، އަދި ކުރިން ލިބިފައިވާ ކާމިޔާބު ތަކުގެ ސަބަބުން ޣާފިލް ވެގެން ނުވާނެ،" ސްޕެއިންގެ ކޯޗު ބުންޏެވެ. "ހިތްތިރި ވުމޭ ބުނާބަހަކީ ހުސް ބަހެއް ނޫން. ކާމިޔާބުގެ ކުރިމަގަކީ އެއީ."

ޑެލް ބޮސްކޭ ބުނީ ޔޫރަޕްގެ ޗެމްޕިއަން ކަން 2008 އަދި 2012ގައި ހޯދާފައިވާ އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ސްޕެއިންއަށް މިފަހަރުގެ މުބާރާތަކީ އުނދަގޫ މުބާރާތަކަށް ވާނެ ކަމަށެވެ.

"ކުޅުންތެރިން މިވަނީ ވަރަށް ގިނަ ކާމިޔާބުތަކެއް ހާސިލް ކޮށްފައި. އެމީހުންގެ ވިސްނުން ހުރީކީ މީގެ ފަހެއް ނުވަތަ ހަ އަހަރު ކުރިން ހުރިގޮތަކަށް ނޫން. މިއީ އަހަރެން އެންމެ ބިރުގަންނަ ކަމަކީ. އަހަރެމެން އެބަޖެހޭ އެންމެ ކުރިން ވިސްނި ގޮތަށް ވިސްނަން. ހިތްތިރި ކާމިޔާބަށް މަސައްކަތްކުރާ ކުޅުންތެރިން ތަކަކަށް ވާން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ، ސްޕެއިން ޓީމަކީ އެހެން ޓީމުތަކަށް ވުރެ ބަލިކަށި ޓީމެއް ނޫން ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"އަހަރެމެންނަކީ ވެސް ވާދަވެރިން. އަދި މި ނުކުންނަނީ ވާދަވެރި ޓީމުތައް ބަލިކުރަން. ހާއްސަކޮށް ދެކުނު އެމެރިކާގެ ޓީމުތައް. އޭގެ ތެރޭގައި ބްރެޒިލް، އާޖެންޓީނާ، ކޮލަމްބިއާ އަދި ޗިލީ ފަދަ ޓީމު ތަކަކީ ވަރުގަދަ ޓީމުތައް،" ޑެލްބޮސްކޭ ބުންޏެވެ. "ޔޫރަޕްގެ ޓީމުތަކަށް ބަލާއިރު ޖަރުމަން، ހޮލެންޑް ނުވަތަ ޕޯޗުގަލް. މިއީ ފަސޭހަ ޓީމުތަކެއް ނޫން. މިއީ އަހަރެމެން އިހްތިރާމާ އެކު ކުރިމަތިލާންޖެހޭ ވާދަވެރިން."

ސްޕެއިންގެ ކުޅުންތެރިންނަށް އިންޒާރު ދެމުން ޑެލް ބޮސްކޭ ބުނީ، އާޖެންޓީނާ ތަރި ލިއޮނަލް މެސީ އާއި ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ފްރާންސްގެ ފްރެންކް ރިބެރީ ފަދަ ކުޅުންތެރިން ވަރުގަދަ ޓީމުތަކަކާއެކު މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލަނީ ފުރަތަމަ ފަހަރަށް އެމުބާރާތް ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.