ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާ މައްސަލަތައް ބަލައި ނުގަތުމަށާއި މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވެފައިވާތާ އެއް މަސް ވެފައިވާއިރު ވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައިނުވާތީ ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުވެފައި އޮންނަތާ 30 ދުވަސް ވެއްޖެ. އެހެންނަމަވެސް އަދިވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވޭ. އެހެންވެ މިގޮތަށް ނިންމާފައި ވަނީ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރަނީސް، އެ ކޯޓުން ޝަރީއަތްތައް ހިންގައި އަދި މައްސަލަތައް ބަލައިގަންނާނީ އެކަމުގައި ސުޕްރީމް ކޯޓުން ވަކިގޮތެއް އެންގުމުން ކަމަށެވެ.

ދައުލަތުން ދައުވާ ކުރާ މައްސަލަތައް ބަލައިގަތުމާއި ޝަރީއަތްތައް ހުއްޓާލި ނަމަވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.